މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމަށް އަބްދުﷲ މުއާޒު ހޮވި ޖަލްސާ އެ ކައުންސިލުން ބާތިލްކުރުމުން އޭނާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތަށް މުއާޒު ހާޒިރު ނުވުމުން ކޯޓުން އެ މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނި ގޮތުގައި މިއަދު 11:45 ގައި ބޭއްވުމަށް ތާވަލްކުރި އަޑުއެހުމަށް ހާޒިރުވުމުގެ އަމުރާ މުއާޒު ހަވާލުވި ނަމަވެސް ގަޑި އަށް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
"ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުގެ މައްޗަށް ފޯމް ބާތިލްކުރުމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީ ކުރައްވާފައިވާ ހުކުމުގައިވެ އެވެ.
މިދިޔަ ފެބްރުއަރީ 12 ގައި މީޑިއާ ކައުންސިލްގެ ރައީސް ކަމަށް މުއާޒު އައްޔަން ކުރުމަށް ފަހު، އެ ޖަލްސާ ބާތިލުކުރި ކަމަށް އެ ކައުންސިލުން ނިންމީ އެ މަހުގެ 19ގަ އެވެ. އެ ޖަލްސާ ބާތިލުކުރީ، ރަށުގައި ނެތް މެންބަރެއްގެ ނަން ރައީސް ކަމުގެ މަގާމަށް ހުށަހެޅި ނަމަވެސް އެ ކަމުން ތަނާޒުލް ވުމާއި ކެމްޕޭންކުރުން ފަދަ ބައެއް ހައްގުތައް އޭނާ އަށް ގެއްލުމުންނާއި އެ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަށް ދޭން ޖެހޭ 72 ގަޑިއިރުގެ ނޯޓިސް ދީފައި ނުވާތީ އެވެ.
މިީޑިއާ ކައުންސިލުން ބާތިލުކުރި އިންތިޚާބުގައި މުއާޒާ ވާދަކުރީ މުހައްމަދު އަބްދުﷲ ޝަފީގު (ފިއެސް މޯޑު) އެވެ.
މީޑިއާ ކައުންސިލްގެ ރައީސް ކަމުން މުއާޒު ވަކިކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ