ދައުލަތުގެ މުއައްސަސާތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ އޮޅުމަކުން ކަމަށް ބުނެ ޒިންމާއިން ސަލާމަތް ނުވެވޭނެ ކަމަށާއި ގާސިމް ހައްޔަރުކުރުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމުގައި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި މިއަދު ހެނދުނު ވާހަކަދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް ހައްޔަރުކުރެއްވީ ދައުލަތުގެ މުއްސަސާތަކަށް އެރި އޮޅުމެއްގެ ތެރެއިން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން މިކަމުގައި ޝާމިލުވި އެންމެން ހޯދައި އެ އެންމެން ޒިންމާދާރުކޮށް އެބޭފުޅުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވިދާޅުވީ ގާނޫނީ ހަމަތަކަށް ބަލާއިރު ކޮންމެ ރައްޔިތަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށެވެ. އެހެންކަމުން މުއައްސަސާތަކަށް އޮޅުންއަރައިގެން ރައްޔިތެއްގެ މިނިވަންކަމާއި ގާނޫނީ ހައްގަށް އަރައިގަތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.
ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހާ ރައްކާތެރިކަމެއް އެނމްެނަށް ހަމަހަމަ ކމާއެކު ލިބިދޭންޖެހޭއިރު ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ބެހެއްޓުނީ ގާނޫނު ނޭނގޭތީ އޮޅުމަކަުން ކަމަށް ވިދާޅުވީނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް ގާނޫނު ނޭނގި އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އޮޅުމަކުން ކަމަށް ވިދާޅުވާ ވިދާޅުވުން އެއީ އުޒުރެއް ކަމުގައި ވެސް ބަލައިނުގަނެވޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކުރުމުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ އެއްބޭފުޅަކީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ކަމަށެވެ. އެހެންކަމުން ޕީޖީ އެކަމުގެ ޒިންމާ ނަންގަވާ އެމައްސަލާގައި ޕީޖީގެ މައްޗަށް ވެސް ދައުވާކުރަން ޖެހޭނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުންނާއި ފުލުހުންވެސް ޕީޖީ ޒިންމާދާރުކުރަންޖެހޭނެ ކަަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މަޖިލީހުން ޕީޖީއާ ސުވާލުކުރަންޖެހޭނެ ކަމަށާއި ފުލުހުންގެ އިދާރާއިން ވެސް ޕީޖީއާ ދެކޮޅަށް ވެސް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ މަޖިލިސް މެންބަރަކު ހައްޔަރުކުރާއިރު ޕީޖީގެ ޒިންމާއެއް އޮންނަންޖެހޭނެ މެންބަރުންގެ އިމްތިޔާޒު ގާނޫނުން އެނގޭ ކަމަށެވެ. އެހެންކަމުން ޕީޖީއަށް ނޭނގި އަދި ޕީޖީގެ އެއްވެސް ދައުރެއް ނެތި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ހައްޔަރުކުރެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި އަދި އެހެނިހެން ސިޔާސީ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމަށް ބުނެ ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރަމުންދަނީ ވެސް ގާނޫނާ ހިލާފު ގޮތަކަށް ކަމަށެވެ. އެހެންކަމުން މިއަދު އާންމު ރައްޔިތުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ގާނޫނު އެނގި ތިބެ ގާނޫނު ނޭނގޭ ކަމަށް ހެދުމަކުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް އިންސާފުގެ ކުރިމަތިން އެއްކައިރި ނުވެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކޮށް އެމަނިކުފާނުގެ މިނިވަންކަން ނިގުޅައިގަތުމުގެ އިތުރުން އެމަނިކުފާނު އަދާކުރައްވަން ޖެހޭ ގާނޫނީ އެހެން މަސްއޫލިއްޔަތުތަކަށް ވެސް ދައުލަތުގެ މުއައްސަސާތަކުން ހުރަސްއަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މައުމޫން ވިދާޅުވީ ގާސިމް އިބްރާހިމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާއިރު އެމަނިކުފާނު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުކޮށް ބަންދުގައި ބެހެއްޓުމަކީ އެމަނިކުފާނުގެ ހައްގުތަކެއް ނިގުޅައިގަތުމުގެ އިތުރަށް އެމަނިކުފާނު ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގެ ރައްޔިތުންގެ އެތައް ހައްގުތަކެއް ވެސް އެކަމުގެ ސަބަބުން ގެއްލިގެން ދިޔަ ކަމެއް ކަމަށެވެ. އެހެންކަމުން ޕީޖީ ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށާއި ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުން ހުއްޓުވުމަށްޓަކައި ވެސް މިފަަދަ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށްވެސް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ހައްޔަރުކުރުމަކީ އޮޅުމަކުން ނޫން، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ