އަލިބެގެ މަރުގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެރަށު ޑައިމަންޑްވިލާ އަލީ ރަޝީދު (އަލިބެ) ގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދަށް ހައި ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ.
އަލިބެ މަރާލި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައި ވާއިރު ހައި ކޯޓުން ތާއީދުކުރީ އޭގެ ތެރެއިން އެރަށު ރިވެލްފިޝް، ހުސައިން އާދަމް، 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށެވެ.
އާދަމްގެ ފަރާތުން އެ އަމުރު އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލައިގައި އާދަމާ މެދު ތުހުމަތު އުފެދޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ އެންމެ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކުރި ނަމަވެސް އެ އަމުރުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކާއި ބިދޭސީ ފިރިހެނަކު ވެސް ހިމެނެ އެވެ.
އަލިބެ މަރާލާފައި އޮއްވާ ފެނުނުއިރު މޫނު މައްޗާއި ގައިގެ އެކި ތަންތަނުގައި ޒަހަމް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
އަލިބެއަކީ އެކަނި ދިރިއުޅެމުން ދިޔަ މީހެކެވެ. އޭނާގެ ދަރިއަކު ނެތްއިރު އަނބިމީހާ މީގެ ފަސް އަހަރު ކުރިން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ