ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ފާސްކުރި މައްސަލަ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.
ވަކިވަކިން ބަލާ އެ ދެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ ވޯޓު ސިއްރުކުރުމާއި ފަހުމީ ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުން އެދި އެ ކޯޓަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ވޯޓު ސިއްރުކުރި މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. ފަހުމީ ވަކިކުރި މައްސަލަ ހުށަހެޅުއްވީ ފަހުމީ އަމިއްލަ އަށެވެ.
އޭގެ ތެރެއިން ފަހުމީ ވަކިކުރި މައްސަލަ އަންނަ ހަފްތާގެ ހޯމަދުވަހުގެ 00: 14 ގައި ބާއްވަން ތާވަލްކޮށްފައިވާއިރު ވޯޓު ސިއްރުކުރި މައްސަލަ ބާއްވަން އޮތީ އަންނަ ހަފްތާގެ ބުދަދުވަހުގެ 30: 10 އަށެވެ. އެ ދެ މައްސަލަ ވެސް ބަލަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ސީއެސްސީގެ ރައީސްކަމުންނާއި މެމްބަރުކަމުން ފަހުމީ ވަކިކުރީ އެ ކޮމިޝަންގެ މުވައްޒަފަކަށް އޭނާ ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފާސްކުރީ އެމްޑީޕީން އެގޮތަށް ހުށަހަޅައިގެންނެވެ. އެގޮތަށް ހުށަހެޅިއިރު ރައީސް މުހައްމަދު ވަހީދާއި ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމާއި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި މިހާރު ވެސް އެބަ އޮތެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެގޮތަށް އަމުރު ނެރުމުން ރައީސާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ނެގުން މަޑުޖައްސާލާފަ އެވެ.
ވޯޓު ސިއްރުކުރި މައްސަލަ އާއި ފަހުމީގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ