ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލީ ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލިތާ އެއް އަހަރު އިއްޔެ ފުރިފައިވާއިރު އޭނާގެ ހަދާނުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ބަޔަކު ހިންގި އެ އަމަލުގެ ސަބަބުން މުޖުތަމައުގައި ތަފާތު ގޮތް ގޮތުން ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލަ ފުރާނައިގެ ސަލާމަތްތެރިކަމާއި ދޭތެރޭ މިހާރު އެއްވެސް މީހަކަށް ޔަގީން ކަމެއް ނެތް ކަމަށެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލި ބަޔަކު ބޭނުން ވަނީ ކަންކަމުގައި ވަކާލާތުކޮށް އަޑު އުފުލާ މީހުން ބިރުވެރިކަމެއްގެ ތެެރެއަށް ވައްޓާލަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެ ބަޔަކު މީހުން އަޅުގަނޑުމެންގެ ގައުމަށް ދިން ނުރައްކާތެރި މެސެޖެއް. މާނަ އަކީ ބަޔަކު މީހުން ދޭދޭ ގޮތަކަށް އަޑުއުފުލާ ވާހާކަ ދައްކާ މީހަކަށް އޮތީ މި ގޮތޭ. އެހެން ވީމާ އެ ބަޔަކު އަޅުގަނޑުމެން ވައްޓާލަން އެ އުޅެނީ ބިރުވެރިކަމުގެ ޖައްވަކަށް. އެ މީހުން ބިރު ދައްކައިގެން ކަންތައްތަކެއް ކުރަން އެ އުޅެނީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަގުސަދުތައް ހާސިލް ކުރަން ބައެއް ސިޔާސީ ފަރާތްތަކުން މުއައްސަސާތަކަށް ބިރު ދައްކައި މަޖުބޫރު ކުރުވައިގެން ކަންތައްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެއީ ޑިމޮކްރަސީ ގަބޫލު ކުރާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަފްރާޝީމްގެ އަވަހާރަކޮށްލުމުގައި ހިމެނޭ މީހުންނަށް ހައްގު އަދަބުދީ އާއިލާ އަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެ ޝަރީއަތް ލަސްވެފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރާކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެފަދަ މައްސަލަތައް އަވަސް ކުރަން ޝަރުއީ ދާއިރާ އާއި އެކަމާ ގުޅުން ހުރި މުއައްސަސާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. މިފަދަ ކަންތައްތައް ހައްލު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެ ގަނެ ގާނޫނުތަކަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ވެސް އަވަސް ކުރުމަށް މައުމޫން އެދިވަޑައިގަތެވެ.
"މި މައްސަލަ ދިގުލައިގެން ނުގޮސް ވީހާވެސް އަވަހަކަށް އެކަން ކުރި މީހުންނަށް ހައްގު އަދަބުދީ އިންސާފު ލިބުން އަޅުގަނޑުމެންގެ އެދުމަކީ. އޭރުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ވިސްނޭނީ މިބާވަތުގެ ކަންކަން ކޮށްފައި ތިބޭ މީހުންނަށް އެ ނުބައި އަމަލުތައް ކޮށްފައި މުޖުތަމައުގައި ނޫޅެވޭނެ ކަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމަކީ އިލްމުވެރިންނަށާއި އަދި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދެވުނު ހަމަލާއެއް ކަމަށެވެ. އަދި މިފަދަ ހަމަލާތައް ތަކުރާރުވެގެން ނުދާނެ ގޮތްތަކަކަށް އަމަލު ކުރަން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އެ ޖަރީމާ ހިންގި ފަރާތްތަކުން އެ ކުށަށް އަމިއްލައަށް އިއުތިރާފްވެ އެކަމުން ތައުބާވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވަން އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ ރާއްޖޭގައި އަމަންއަމާންކަން ގާއިމް ކުރުމަށް،" މައުމޫން ވިދާޅުވި އެވެ.
އަފްރާޝީމްގެ އާއިލާއަށް ޕީޕީއެމްގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދެމުން ދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެ އާއިލާއަށް އެކި ގޮތްގޮތުން މިހާރު ވެސް އެހީތެރިވާ ފަރާތްތަކަށް މައުމޫން ޝުކުރު އަދާކުރެއްވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގުސަދެއްގައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ