ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވެ ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ބުދަދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ތުލުސްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ ހޮނިހިރުދުވަހުގެ އިންތިޚާބުގެ ނަތީޖާ "އެއް ބޭފުޅެއްގެ އަތް މައްޗަށް ނިމިގެން ނުގޮސްފި ނަމަ" އޭގެ ހިތި ނަތީޖާ ފެންނާނެ ވަރު އެނގިވަޑައިގަންނަވާ ކަމަށެވެ.
"މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ނުވިސްނާ ދޫކޮށްލަންވާ ވަރުގެ ކަމެއް ނޫނޭ. މިކަމާ ވިސްނާފައި ހޮނިހިރުދުވަހު ލާ ވޯޓުގައި އަޅުގަނޑުމެން ކޮންމެވެސް އެއް ކެންޑިޑޭޓަކު ނިންމާށޭ،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލަން ޖެހޭނީ ގައުމަށް އެންމެ ވަފާތެރި، އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދީފައި ހުރީ ކާކުތޯ؟ ތިޔަ ބޭފުޅުންގެ ހަޒާނާގައި ހުރި އެއްޗަކުން އެންމެ ބޮޑު ލާރިއެއް ވެސް ނުނަގާނީ ކާކުތޯ؟ އެމީހެއްގެ ވޮލެޓް ހުސްވެފައި ހުރީ ކާކުތޯ؟ ހުސް ވޮލެޓެއް ހިފައިގެން އުޅޭ މީހަކަށް ވޯޓު ދެއްވައިގެން ދައުލަތުގެ ހަޒާނާގައި ހުރި އެއްޗެހި ]ވޮލެޓަށް[ އަޅާނީތޯ؟"
ގާސިމް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ތިން ކެންޑިޑޭޓުންގެ ޓްރެކް ރެކޯޑަށް ބަލާ ނަމަ އެމްޑީޕީގެ މުހަންމަދު ނަޝީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީނަށް 10 ޕަސެންޓް ދޭ ނަމަ އޭނާ އަށް 99 ޕަސެންޓް ދޭން ޖެހޭ ކަމަށެވެ.
ގާސިމް އެދިވަޑައިގަތީ އިންތިޚާބުގެ ފުރަތަމަ ބުރުން އޭނާ ހޮވައިދިނުމަށެވެ. އަދި އެކަން އެގޮތަށް ނުވެއްޖެ ނަމަ ރައްޔިތުން ވަރަށް ބޮޑު ނިކަމެތި ކަމެއްގެ ތެރެއަށް ވެއްޓޭނެ ކަމަށާއި އޭގެ ކުރިން "މިކަން ނިންމައި ދިނުމަށް" އެދިވަޑައިގަންނަވަނީ ވަރަށް އިހުލާސްތެރިކަމާއި އާދޭހާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުންނަށް ވިސްނިވަޑައިނުގަންނަވަނީ ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑުމެންނަށް އެކަން ވަރަށް ރަނގަޅަށް މޫނު ބަލާ ލޯގަނޑަކުން ފެންނަހެން ފެންނާތީ އަޅުގަނޑުމެން މި ދަންނަވަނީ. އަޅުގަނޑުމެންގެ ހިތަށް، ސިކުނޑި އަށް އެކަން ވިސްނޭތީ. އެއީ މި ކަންކަމުގެ ތެރޭގައި އުޅެފައި ހުރީމާ،" ގާސިމް ވިދާޅުވި އެވެ.
ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ހިތި ނަތީޖާ ފެންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ