ޖުމްހޫރީ ޕާޓީއާ ނުގުޅުނަސް އެހީ ލިބުމުގައި ތާއްޓެއް ނުވާނެ: ގާސިމް

ވިލާ ފައުންޑޭޝަނުން ބޭސްފަރުވާ އާއި ތައުލީމަށް އެހީތެރިވެދިނުމާއި ޖުމްހޫރީ ޕާޓީ ހިންގުމަކީ ތަފާތު ދެ ކަންތައް ކަމަށާއި އެ ޕާޓީއާ ނުގުޅުނަސް އެހީ ލިބުމުގައި އެއްވެސް ތާއްޓެއް ނުވާނެ ކަމަށް ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިދިއަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމުން ތަފާތު އެހީތައް ލިބޭ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ޖުމްހޫރީ ޕާޓީ އޮފީހުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަނުން އާންމުންނަށް އެހީވެ ދިނުމާއި ޕާޓީގެ ކަންކަން މަސްހުނި ނުކޮށް ކުރިއަށް ގެންދެވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ގާސިމްއާ ހަވާލާދީ ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އެހީ ދެއްވަމުން ގެންދަވަނީ ވަކި ކަމެއް ހިތުއަޅައިގެން ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އޭނާ ޝައުގުވެރިވަނީ އަމިއްލަ އެދުމެއް ނެތި ކަމަށާއި މިއަދު ވެސް މަދުވާ އެއްޗެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ގާސިމް ވިދާޅުވި ގޮތުގައި އޭނާ ޝައުގުވެރިވަނީ ރައްޔިތުން އުޅޭ ހާލާއި އެ މީހުންގެ އިހުސާސްތައް އެނގިވަޑައިގަންނަވާތީ، ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯއްދަވައި ދެއްވުމަށެވެ.
ގާސިމް އެދިވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީއާ އަލަށް ގުޅޭ ކޮންމެ މީހަކު ވެސް، ކޯޑިނޭޓަރުން ފަދައިން މަސައްކަތްކޮށް އެ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކޮށް ދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ބުނާ ގޮތުގައި ޖުމްހޫރީ ޕާޓީގައި ތިބީ 6،882 މީހުން ކަމަށް އެ ޕާޓީން ވަރަށް ފަހުން ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ޕާޓީން ގެންގުޅޭ ދަފްތަރަށް ބަލާއިރު 12،000 މީހުން އެބަތިބި ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ