ފިންގަޕްރިންޓް ހުށަނާޅައި މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރުމާ
ގުޅޭގޮތުން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން
ޕާޓީތަކުން މެމްބަރުން ވަކިކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު
އަމުރުކޮށްފި އެވެ.ހައި ކޯޓުން އެގޮތަށް އަމުރުކުރީ ފިންގަޕްރިންޓް
ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރަން
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެ މައްސަލަ އެމްޑީޕީން ސިވިލް
ކޯޓަށް ހުށަހަޅައި، މައްސަލަ ނިމެންދެން މެމްބަރުން އުނިކުރުން
މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުންނެވެ. އެފަދަ އަމުރެއް ނެރެދެވެން
ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އެވެ.ހައި
ކޯޓުން ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
ނިމެންދެން މެމްބަރުން ވަކިކުރުން މަޑުޖައްސާލަން އިލެކްޝަންސް ކޮމިޝަންގެ
މައްޗަށް އަމުރުކުރާ ކަމަށެވެ.އެ މައްސަލަ ބެލި ފަނޑިޔާރުންގެ
ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އެމްޑީޕީން
އެދުނު ގޮތަށް ވަގުތީ އަމުރު ނެރެފި ނަމަ ދައުލަތަށް ލިބޭނެ ގެއްލުމެއް
ބުނެދެވިފައިނުވާ ކަމަށެވެ. އެކަމަކު އެ އަމުރު ނުނެރެފި ނަމަ އެމްޑީޕީގެ
މެމްބަރުންތަކެއް އެ ޕާޓީގެ ދަފްތަރުން އުނިވެ، ސިޔާސީ ޕާޓީތަކުގައި
ބައިވެރިވުމުގެ ހައްގުން ކުޑަ ވަގުތުކޮޅަކަށް ވެސް އެ މީހުން
މަހްރޫމްވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ފަނޑިޔާރު ސަމީރު
ވިދާޅުވި އެވެ.އެމްޑީޕީ އަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ
ހައްގެއް އެ މައްސަލާގައި އެބައޮތް ކަމަށާއި އަދި އެ އަމުރު އެގޮތަށް
ނެރުމާ މެދު ދައުލަތުން ދަށު ކޯޓުގައި ދެކޮޅު ހަދާފައިނުވާ ކަމަށް
ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.ވަގުތީ އަމުރު ނެރުމާ މެދު ދަށު
ކޯޓުގައި ދެކޮޅު ނުހަދާ އޮތުމަށް ފަހު އެ ނިންމުން ދިފާއުކޮށް ހައި
ކޯޓުގައި ދައުލަތުން ވާހަކަ ދެއްކިޔަސް އިސްތިއުނާފީ އުސޫލުން ބަލާއިރު
ދަށު މަރުހަލާގައި ވާހަކަ ދެއްކި ގޮތާއި ޚިލާފަށް މަތީ ކޯޓުގައި ވާހަކަ
ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި
އެވެ.އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު
މަހުގެ ނިޔަލަށް ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ދަފްތަރުން
އުނިކުރުމަށެވެ. ހައި ކޯޓުން މިއަދު އަމުރު ނެރުނީ މެމްބަރުން އުނިކުރުމުގެ
މަސައްކަތް އެ ކޮމިޝަނުން ކުރަމުން ދަނިކޮށެވެ.އެ މައްސަލާގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވާފައިވަނީ
ގާނޫނު އައުމުގެ ކުރިން ސޮއިކޮށްފައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން
ހުށަހަޅަން ނޭންގޭނެ ކަމަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެ
ލަފައަށް އަމަލުކޮށްފައެއް ނުވެއެވެ.ފިންގަޕްރިންޓް ނެތް
މެމްބަރުން ޕާޓީތަކުން އުނިކުރުމުން އެންމެ ގިނަ މެމްބަރުން ގެއްލޭނީ
މިހާރު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަށެވެ. އޭރުން އެ ޕާޓީގެ
23،000 އަށް ވުރެ ގިނަ މެމްބަރުން ގެއްލޭނެ އެވެ.
ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެންބަރުން ޕާޓީތަކުން ވަކިކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ