ޝަރީއަތް ފަސްކޮށްދިނުމަށް އެދި ނަޝީދު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަންނަ ރިޔާސީ އިންތިހާބު ނިމެންދެން ފަސްކޮށްދިނުމަށް އެދި ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްފި އެވެ.
އިންތިހާބު ނިމެންދެން ނަޝީދުގެ ޝަރީއަތް ފަސްކޮށްދިނުމަށް ނަޝީދުގެ ފަރާތްޕުޅުން ހުޅުމާލޭ ކޯޓުގައި ވެސް އެދުނެވެ. ނަމަވެސް ނަޝީދުގެ މައްސަލަ ބަލާ ފަނޑިޔާރުން ވިދާޅުވީ ރިޔާސީ ކެނޑިޑޭޓެއްގެ ރަސްމީ ހައިސިއްޔަތު ނަޝީދަށް އަދި ލިބިވަޑައިގެންފައި ނުވާތީ އިންތިހާބު ނިމެންދެން ޝަރީއަތް ފަސްކޮށްދެވެން ނެތް ކަމަށެވެ.
ހުޅުމާލޭ ކޯޓުން ވަނީ ހަތަރު ހަފްތާގެ މުއްދަތަށް ނަޝީދުގެ ޝަރީއަތް ފަސްކޮށްދީފަ އެވެ.
ސުޕްރީމް ކޯޓަށް ލިބިފައިވާ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން އިންތިހާބު ނިމެންދެން ޝަރީއަތް ފަސްކޮށްދިނުމަށް އެދި ނަޝީދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތްކަން ކޯޓުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެގޮތަށް ނިންމިކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ނަޝީދުގެ ޝަރީއަތް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށަން ހުޅުމާލޭ ކޯޓުގައި މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ