އިދިކޮޅު ލީޑަރުންގެ އިސްލާހީ މަސައްކަތާ މެމްބަރު ސައުދު ގުޅިވަޑައިގެންފި

ގައުމު އިސްލާހުކުރަން ސިޔާސީ އިދިކޮޅު ލީޑަރުން ފައްޓަވާފައިވާ އިސްލާހީ މަސައްކަތާ ވިލިގިނގީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިރޭ ގުޅިވަޑައިގެންފި އެވެ.
ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގެން، މައުމޫން ފަޅީގައި ތިއްބެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ ސައުދު މިރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވަ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރޭގައި ވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނެވުމަށް ފަހު މައުމޫން ފަޅި އަށް އެރުއްވީ، ސައުދު ވިދާޅުވި ގޮތުގައި، މައުމޫނާ މެދު ގަބޫލުކުރައްވަން ދަތި އަމަލުތަކެއް ހިންގަމުންދާތީ އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ސިޔާސީ މިސްރާބު ހަލަބޮލިވަމުން އަންނައިރު ރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް މިހާރު އެއްވެސް ހައިސިއްޔަތެއް މި ގައުމުގައި ނެތް ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނެތް ބުނެވޭކަށް 30 އަހަރު ވެރިކަމުގެ ތެރޭގައި ތައުލީމީ ދާއިރާ ކުރިއެރި ވާހަކަ. ބުނެވޭކަށް ނެތް ސިއްހީ ދާއިރާ އަށް ރައީސް މައުމޫން ގެނެސްދެއްވި ކުރިއެރުންތަކުގެ ވާހަކައެއް ވެސް. ގައުމަށް ހިދުމަތް ކުރެއްވި ހިދުމަތްތެރިންގެ އަގު ވަޒަންކުރަން ޖެހޭ،" ސައުދު ވިދާޅުވި އެވެ.
Maumoon magumathi nukureveyne: MP Saud | Mihaaru
Mihaaru
ސައުދު ވިދާޅުވި ގޮތުގައި ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުން އެއްކައިރިކޮށްފައި އެ ބޭފުޅުންގެ ނަން ފޮހެލައި ރައްޔިތުންނާއި ގައުމަށް ވެސް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތެވެ. ގައުމަށް ހަމަޖެހުން އޮތީ، ހިދުމަތްތެރިންގެ އަގު ވަޒަންކޮށްގެން ކަމަށް ސައުދު ދެކެވަޑައިގަންނަވަ އެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި، ކުރިއަށް އޮތް ތަނުގައި އޭނާ ވޯޓު ދެއްވާނީ ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ. ވަކި ބޭފުޅަކު އަންގަވާ ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވޯޓުތަކުގައި އަޅުގަނޑު ދެން އިސްކުރާނީ ރައްޔިތުންގެ އިހްސާސްތައް،" ސައުދު ވިދާޅުވި އެވެ.
ގައުމުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ސުލޫކީ މިންގަނޑާ ހިލާފަށް، ފަނޑިޔާރުން މަގުމަތީ ހަރަކާތްތަކުން ފެނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވި އެވެ. އެކަންކަމާ މެދު ބަސްބުނާ ފަރާތްތަކަށް ބިރުވެރިކަން އޮތްއިރު، ވަކި ޖަގަހައަކަށް ނުވަންނަން ކޮންމެ މީހަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ކަމަށް ސައުދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ