ސިޔާސީ ބޭނުމަށްޓަކައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓަން ޖެހޭ: މައުމޫން

ސިޔާސީ ބޭނުމަށްޓަކައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އެކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސިޔާސީ ބޭނުންތަކަށް ޝަރުއީ ނިޒާމު ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އެހެންވެ އެކަން ވަގުތުން ހުއްޓަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Using the judiciary for political purposes is illegal and unconstitutional. It must stop immediately!— Maumoon Abdul Gayoom (@maumoonagayoom) March 31, 2017
މައުމޫން މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ރޭ ވަނީ އަމުރުކޮށްފަ އެވެ. އެ ގޮތުން ހ. ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން ހިންގަވަމުން ގެންދެވި އޮފީސް ބަންދުކޮށް، އެ ތަނުގައި ހުރި ޕީޕީއެމްގެ ދިދަ ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެއް ކަމަށެވެ.
މައުމޫން ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުވާ ކަމަށެވެ.
ޕީޕީއެމް ދެބައިވެ، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެ ޕާޓީގެ ނަމުގައި ކޮމިޓީތައް ހިންގަވައި ކަންކަން ނިންމަވަމުން ގެންދަވާއިރު ކޯޓުގެ ހުކުމަކާ އެކު، ޕާޓީގެ ހުރިހާ ބާރެއް މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކޮށް، އެ މަނިކުފާނެ ފަޅިން ވެސް ގެންދަވަނީ ނިންމުންތައް ނިންމަވަމުންނެވެ. ކޮންމެ ފަރާތަކުން ވެސް އަސްލު ޕީޕީއެމް އަކީ އެއީ ކަމަށް ދައުވާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ