މެމްބަރު ޝިޔާމްގެ ތުހުމަތުތައް ޗައިނާ ސަފީރު ދޮގުކުރައްވައިފި

ކޮރޯނާ ވައިރަހާއި ޗައިނާ އަދި ރާއްޖޭގެ ސަރުކާރާ ގުޅުވައި މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތައް ޗައިނާ ސަފީރު ދޮގުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބުރައީސް އަހުމަދު ޝިޔާމް ވަނީ ޗައިނާއިން ދިން އެހީއަށް ރާއްޖެއިން ނޫނެކޭ ބުނެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާއިން އެހީ ފޯރުކޮށްދިނުމަށް އެދުމުން ރާއްޖޭގެ ސަރުކާރުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. ޗައިނާއަކީ މިބައްޔާ ދެކޮޅަށް ކުރަންޖެހޭ ކަންކަން ކުރުން އެންމެ ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދާ ގައުމުކަން ފާހަގަކުރައްވައި ޝިޔާމް ވަނީ އެގައުމުގެ ރެސްޕިރޭޓަރީ ޑޮކްޓަރުންނާއި ފިޒިޝަނުންނާއި ބޭސްފަރުވާގެ އެހީއަށް ދެކޮޅު ހެއްދެވީ ކީއްވެތޯ ރައީސުލްޖުމްހޫރިއްޔާ ޓެގު ކުރައްވައި ސުވާލު ކުރައްވާފައެވެ.
ޝިޔާމްގެ ތުހުމަތާ ގުޅިގެން ޗައިނާ ސަފީރު ޓެގުކޮށް، މިއީ ތެދެއްތޯ ސާފުކޮށްދިނުމަށް ޓުވިޓާގައި މީހަކު އެދުމުން ޗައިނާ ސަފީރު ޖަންގ ލިޖޮންގ ވަނީ އެއީ ދޮގެއްކަން ހާމަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ލިޔެފައިވާ ޚަބަރެއް ޓުވީޓުކުރައްވައި ސަފީރު ވަނީ ކޮރޯނާ ވައިރަހުން އަރައިގަތުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނާއެކު ގާތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ސަފީރު ވަނީ ދިވެހި ރައްޔިތުންގެ ހަމްދަރުދީއާއި އެހީތެރިކަން ޗައިނާއަށް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާއިން ވެސް ރާއްޖެއަށް އެހީތެރިކަން ލިބޭނެ ކަަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ފުރަތަމަ އަބަދުވެސް އިސްކުރަންވީ އެއްބައިވަންތަކަން ކަމަށް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ކުރައްވާފައިވާ ޓުވީޓަކީ ދޮގެއްކަން ހާމަވެގެންދިޔަ ހިސާބުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން މިފަދަ ދަނޑިވަޅެއްގައި ދޮގު ޚަބަރާއި މައުލޫމާތު ފަތުރަމުންދާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް އާންމުން އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ