މީހުން ޓްރެފިކްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގަން ފާސްކޮށްފި

މީހުން ޓްރެފިކްކޮށް އޭގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭގޮތަށް މަޖިލީހުން ފާސްކޮށްފި އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު މިދިޔަ މަހު ކުރީކޮޅު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. އެ ބިލް ދިރާސާކޮށް ސަލާމަތީ މަޖިލީހުގެ ކޮމެޓީން ނިންމި ރިޕޯޓްގައި ވަނީ މީހުން ޓްރެފިކްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ގޮތް ހަދައި އަދި އިތުުރު ބައެއް ލަފާތައްވެސް ދީފަ އެވެ.
މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ ރިޕޯޓްގައި ބުނެފައިވާ އިސްލާހުތައް ގެންނަން 57 މެމްބަރަކު ވޯޓު ދެއްވި އެވެ.
މީހުން ޓްރެފިކް ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ހުށަހަޅާފައިވާއިރު އެކަން ކުރަން ވާނީ ޖިނާއީ ގާނޫނުގެ އިޖުރާތުގައި ބުނާ އުސޫލުތަކާ އެއްގޮތަަށް ކަމަށް ކޮމެޓީފެ ރިޕޯޓްގައި ވަނީ ލަފާދީފަ އެވެ.
އޭގެ އިތުރުން ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ބާވަތްތައްވެސް ވަނީ ހިމަނައިފަ އެވެ. އެ ގޮތުން ބަދަލު ނެގޭނެ ބާވަތްތަކުގެ ތެރޭގައި ޓްރެފިކް ކުރެވޭ މީހާއަށް ލިބެން ޖެހޭ އުޖޫރައާއި ސިއްހީގޮތަށް ލިބޭ ގެއްލުންތަކާއި ގާނޫނާ ހިލާފަށް އެމްޕްލޯއިމަންޓް އޭޖެންސީ ނުވަތަ ރެކްރޫޓްމަންޓް އޭޖެންސީއަކަށް ދައްކާފައިވާ ފީ ވަނީ ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ