ފާފަ ފުއްސެވުމުގެ މައްސަރު

މާތް ﷲ ނުފުއްސަވާ ފާފައެއް ނުވެއެވެ. ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް، ތައުބާވެ ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރެއްޖެ މީހެއްގެ ފާފަތައް ފުއްސަވާނޭކަމުގައި އެއިލާހުވަނީ އަންގަވާފައެވެ.
ﷲ ސުވަބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴾ (الزمر:53) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފަ ކުރުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ،"
މިއާޔަތުގައި މިވަނީ މާތް ﷲ ގެ ރަޙުމަތުގެ ތަނަވަސްކަން ބަޔާކުރައްވާފައެވެ. އަދި އެއިލާހު، އަޅުތަކުންނަށް އޯގާތެރިވެވޮޑިގެން، އަޅުތަކުންގެ މައްޗަށް ރަޙުމުވެވޮޑިގަންނަވާ މިންވަރުވެސް މިއާޔަތުން އެނގެއެވެ. މިއާޔަތުގައި މިވަނީ ރަޙުމާނުވަންތަ ރަސްކަލާނގެ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ފާފަކުރުން ގިނަކޮށްފައިވާ، އަދި ބޮޑެތި ފާފަތަކައް އަރައިގަނެވިފައިވާ އަޅުތަކުންނަށް ގޮވާލައްވަވާ ގޮވާލެއްވުމެކެވެ.
އެއީ ފާފަކުރުން ހުއްޓާލައި ތައުބާވުމުން މާތް ﷲ އެހުރިހާ ފާފަތައް ފުއްސަވައިދެއްވާނޭ ކަމުގެ ވަޢުދެވެ. އެއްވެސް ފާފައަކީ، އެފާފައެއްގެ ބޮޑުކަމުން ނުފުއްސަވާނޭ ފާފައެއް ނޫނެވެ. ކިތަންމެ ބޮޑެތި ފާފަތަކެއް ކޮށްފައިވާ މީހަކުވިޔަސް، އޭނާގެ އެ ފާފަތަކުގެ ސަބަބުން ދެން ދުވަހަކުވެސް ﷲ ތަޢާލާ، އޭނާގެ ފާފަތައް ނުފުއްސަވާނޭކަމުގައި ހިތައިގެން ނުވާނެއެވެ. އަދި ﷲ ގެ ރަޙުމަތުން އޭނާ ބޭރުފައިވާކަމުގައި ދެކިގެން ނުވާނެއެވެ. ކޮންމެ އަޅަކަށްމެ ތައުބާގެ ދޮރުވަނީ ހުޅުއްވައިދެއްވާފައެވެ.
ޤުދުސިއްޔަ ޙަދީޘްއެއްގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން، ތިބާ ތިމަންރަސްކަލާނގެއަށް ދުޢާކޮށް، ތިމަންރަސްކަލަނގެ ޙަޟުރަތުން ހެޔޮގޮތްތައް އެދޭހާހިނދަކު، ތިބާއަށް ކޮންމެ ކަމެއް ކުރެވިފައި އޮތްނަމަވެސް އެކަމަކަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި، ތިމަންރަސްކަލަނގެ ތިބާއަށް ޢަފޫކުރައްވާހުށީމެވެ. އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ކުށްފާފަތައް އުޑުގެ ވިލާތަކާހަމައަށް އަރައިފައިވީ ނަމަވެސް، (އެބަހީ: އެހާގިނަ ފާފަތައް ކޮށްފައިވީ ނަމަވެސް) ދެން އެއަށްފަހު، ތިމަންރަސްކަލަނގެ ޙަޟުރަތުން ފާފަ ފުއްސެއްވުންއެދި ތިބާ ދެންނެވިނަމަ، އެފާފަތައް ކިތަންމެ ގިނަ ކަމުގައިވިޔަސް އެކަމަށް ފަރުވާލެއް ބެހެއްޓުމަކާ ނުލައި، ތިމަންރަސްކަލާނގެ ތިބާއަށް ޢަފޫކުރައްވާހުށީމެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާ މުޅި ބިންފުރޭހައި ގިނަ ފާފަތަކައިގެން ތިމަންރަސްކަލާނގެ ޙަޟުރަތަށް އައިނަމަވެސް، ތިމަންރަސްކަލާނގެއާ ބައްދަލުކުރަނީ، ތިމަން ރަސްކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކު ކުރުމަކާ ނުލައިނަމަ، މުޅި ބިން ފުރޭވަރަށް ފާފަ ފުއްސެވުމާއިގެން ތިމަން ރައްސްކަލާނގެ ތިބާއާ ބައްދަލު ކުރައްވާހުށީމެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމް)
މާތް ﷲ ވަނީ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި، ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް އަމުރު ކުރައްވާފައެވެ. އެއިލާޙު ވަޙީކުރައްވާފައިވެއެވެ. ﴿وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَحِيمٌ ﴾ (المزمل:20) މާނައީ: "އަދި ތިޔަބައިމީހުން اللَّهގެ ޙަޟުރަތުން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެއެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ ﴾ (هود:3) މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން ތައުބާ ވާށެވެ!"
އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ وَمَنْ يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَحِيمًا ﴾ (النساء: 110) މާނައީ: "ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّهގެ ޙަޟުރަތަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ."
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "إِنِّي لَأَسْتَغْفِرُ اللَّهَ فِي الْيَوْمِ مِائَةَ مَرَّةٍ " (رواه مسلم) މާނައި: "ކޮންމެ ދުވަހަކު ސަތޭކަފަހަރު ތިމަންކަލޭގެފާނު ﷲ އަށް ފާފަ ފުއްސެވުންއެދި ދުޢާކުރައްވަމެވެ."
ރަމަޟާންމަހުގެ ޚާއްޞަ އެއްކަމަކީ، އެ މައްސަރަކީ ފާފަ ފުއްސަވައިދެއްވުމުގެ މައްސަރެއް ކަމުގައި ވުމެވެ. ވީމާ، ބާއްޖަވެރިޔަކީ ރަމަމާންމަހުގެ ދުވަސްތަކާއި ރޭތައް ހޭދަވެގެންދާއިރު، މާތް ﷲ ގެ ޙަޟުރަތައް އެނބުރި ރުޖޫޢަވެ، ކުރެވިފައިވާ ކުށްފާފަތަކާމެދު ހިތާމަކޮށް ތެދުވެރި ތައުބާއަކުން ތައުބާވާ މީހާއެވެ. އަދި ގިނަގިނައިން ފާފަ ފުއްސެވުންއެދި ދުޢާކުރާ މީހާއެވެ. އަދި އަބާއްޖަވެރި، ހުރިހާ ހެވަކުން މަޙުރޫމުވެފައިވާ މީހާއަކީ ރަމަޟާންމަހުގައި ހެޔޮ ޢަމަލުތައް ކުރުމުގެ ފުރުޞަޠު ލިބި، އެކަމުން އެއްކިބާވެފައިވާ މީހާއެވެ. އަދި މާތް ﷲ ގެ ރަޙުމަތުން އުއްމީދުކަނޑާލައި، ފާފަ ކުރުމުގައި ދެމިހުންނަ މީހާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ