ކުށްމަދުކުރުމަށް ފީއަލީގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ފީއަލީގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފީއަލީ ޕޮލިސް ޑެސްކްގެ ފަރާތުން, މިދިޔަ މަހުގެ 25 އިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެޕްރޮގްރާމްގެ ތެރެއިން، އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާނެކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން، ކޯވިޑް 19 އާ ގުޅިގެން އޮންލައިންކޮށް ވިޔަފާރި ކުރުން އިތުރުވެފައިވާކަމަށާ އަދި ހަމައެއާއެކު އޮންލައިން ޕްލެޓްފޯމްތަކުގައި ޕޭޖްތައް ހަދައިގެން މަކަރާއި ހީލަތުން ފައިސާހޯދުމަށް މަސައްކަތްކުރުން އިތުރުވެފައިވާކަމަށާއި، އޭގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސް ކޮށްފައިވާނެކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެސް ހިއްސާކޮށްފައިވާނެކަމަށްވެސް ފުލުހުން ބުނެއެއވެ. އޭގެ އިތުރުން މިދުވަސްވަރާ ގުޅިގެން ސަމާލުކަންދޭންވީ އެހެނިހެން ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ފިހާރަތަކަށް ކުރި ޒިޔާރަތުގައި، ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު ސައްހަނޫން ސްލިޕްތައް ފޮނުވައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާ ގުޅޭގޮތުންނާއި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެކަމަށްވެސް ބުނެއެވެ.
ފީއަލީގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަށް އަލަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތުވެސް ރައްޔިތުންނާ ހިއްސާކޮށްފައިވެއެވެ. އަދި ރަށުގައި ބޭނުންކުރާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގެ މައުލޫމާތުވެސް އެއްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ