ހުޅުމާލޭ ފޭސް2 ގެ ފުރަތަމަ ސްކޫލް، "ސަލާހުއްދީން ސްކޫލް" އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ފޭސް2ގައި އަޅަން ނިންމާފައިވާ އާ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ސޮއި ކުރީ ހުޅުމާލޭގައި އިމާރާތްކުރާ އާ ސްކޫލް (ސަލާހުއްދީން ސްކޫލް) އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކަމަށެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރްފާނެވެ.
އަމީން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރު މާޗް މަހުގެ ފަހުކޮޅުގައި އެ ސްކޫލުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. އަމީން ކޮންސްޓްރަކްޝަނާ މަޝްރޫއު ހަވާލުކޮށްފައި ވަނީ 118،336،879 ރުފިޔާގެ އަގަކަށް، 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ސްކޫލެއް އެޅުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އާ ސްކޫލު ޑިޒައިންކުރަނީ ވަށާޖެހޭ ތައުލީމީ ސިޔާސަތާ އެއްގޮތަށް ދަރިވަރުންނަށް އެފަދަ ތައުލީމެއް ދެވޭފަދަ ގޮތަކަށް ކަމަށެވެ. އެއީ 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލަކަށް ވެގެންދާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ