ގައްދޫ ކައުންސިލްގެ ރައީސް ބަންދުކުރަން ހައި ކޯޓުން އަންގައިފި

ޖަލުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވި މުހައްމަދު އަހުމަދު އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް، ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވިއިރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެކަމަކު އޭނާ އިންތިހާބުވި ފަހުން ގައްދޫ ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެހެންވެ، މިދިޔަ ހަފުތާގައި އޭނާ ވަނީ މަގާމުގެ ހުވާކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ މުހައްމަދު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށްފަ އެވެ. އެހެންކަމުން އޭނާ އަލުން ޖަލު ބަންދަށް ބަދަލު ކުރެވޭނެ އެވެ.
ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ ދައުވާލިބޭ މީހަކު އިންތިހާބުގައި ވާދަކުރުމުން އިލެކްޝަންސް ކޮމިޝަނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން ބުނެފައިވަނީ ކުށެއްގެ ތުހުމަތެއް އޮތުމަކީ ކެންޑިޑެސީ ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށާއި ގާނޫނު އޮތްގޮތުން ކެންޑިޑެސީ ބާތިލް ކުރެވޭނީ ކުށެއް ސާބިތުވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ