ޖޭއެސްސީން ވަކިވި ކަމަށް ގާސިމް ގަބޫލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ހޮއްވަވައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަން ކުރައްވަމުން ގެންދެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރެއްވާތީ ޖޭއެސްސީގެ ގޮނޑި ގެއްލިފައިވާ ކަމަށް އޭނާ ގަބޫލުފުޅު ކުރައްވައިފި އެވެ.
މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ (ޖޭއެސްސީ)ގެ ގާނޫނު 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުން އޭނާ މިހާރު ޖޭއެސްސީގެ މެންބަރު ކަމުން ވަކިވެފައިވާކަން ވަރަށް ސާފުކޮށް އެނގެން އޮތުމުން އޭނާ އެ މަގާމުން ވަކިވެފައިވާ ކަމަށް ގަބޫލުކޮށް މަޖިލީހުން ރައީސްގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ (ޖޭއެސްސީ)ގެ ގާނޫނު 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމަކަށް ޖޭއެސްސީގެ މެންބަރަކު ކުރިމަތިލައިފި ނަމަ ޖޭއެސްސީގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގާސިމްގެ ނަންފުޅު ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ