އިންތިޚާބެއްގައި ފައިސާދީގެން ކެންޕޭން މަސައްކަތް ކުރުވުމާއި ފައިސާ ދީގެން ވޯޓު ހޯދާކަމަށްވާނަމަ ފަހުން އެ ކެންޑިޑޭޓަކު ބަދަލުވާނީ ވައްކަން ކުރާ މީހަކަށް ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެ ކެންޕޭން ފަށްޓަވައިފައިވާ އުމަރު ވިދާޅުވީ އެކެންޑިޑޭޓަކު ވައްކަންކުރާނެ ސަބަބަކީ އަތުން ޚަރަދުވި ފައިސާ ހޯދުމަށާއި، ދެން އަންނަ އިންތިޚާބެއްގެ ކެންޕޭނަށް ފައިސާ ހޯދުމަށެވެ.
އުމަރު ވިދާޅުވީ ވަރަށްގިނަ މީހުންނަށް ހީވެފައި އޮންނަނީ ސިޔާސީ ކެންޕޭނެއް ކުރުމަކީ ބޮޑުވިޔަފާރިއެއް ކަމަށް ކަމަށެވެ.
"އެހެން އެގޮތަށް ވަރަށްބޮޑު ކުށްހީއެއް. އެހެން އެކަން އޮންނަ ކަމަށްވާނަމަ ކެންޑިޑޭޓުން ނުކުމެ ފައިސާ ދީގެން މަސައްކަތް ކުރުވައި ފައިސާ ދީގެން ވޯޓުހޯދާ ކަމަށް ވާނަމަ އެ ކެންޑިޑޭޓު ފަހުން ބަދަލުވާނީ ވައްކަން ކުރާ މީހަކަށް،" އުމަރު ވިދާޅުވިއެވެ.
ކެންޕޭން ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވަންނަ މީހަކަށް ވިޔަސް، ކައުންސިލް އިދާރާއަކަށް ވަންނަން ބޭނުންވާ މީހަކަށް ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިއަށް އަންނަ މީހަކު ކަމަށް ވިޔަސް އެކަން އެހެންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އެހެންވީމާ ކެންޕޭން މަސައްކަތަކީ ވެސް ފައިސާއަށް ކުރާ ކަމެއްނޫން އަދި ވޯޓަކީވެސް ފައިސާއަށް ދޭ އެއްޗެއްނޫން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މުޅި ކެންޕޭނަށް ޚަރަދު ކުރާނެ ފައިސާ އަދި އޭނާގެ އަތުގައިވެސް ނެތްކަމަށެވެ. ކެންޕޭން ފޯރިގަދަވެ ވައިގައި ހިފަމުންދާ ވަރަކަށް އެކަމަށް އެހީތެރިވާނެ މީހުން ގިނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެއީ ކެންޕޭންތައް އަބަދުވެސް ހިނގާގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެންޕޭން ހިންގާނީ ކެންޑިޑޭޓުގެ ޖީބަކުންނެއް ނޫން. ކެންޕޭން ހިންގާނީ ސަޕޯޓަރުންގެ ލާރީގައި. އެއީ މި ކޮންސެޕްޓް ބިނާވެފައި އޮންނަ ގޮތަކީވެސް،" އުމަރު ވިދާޅުވިއެވެ.
ސަޕޯޓަރުން މަސައްކަތް ކޮށްދޭނީ އެމީހުން ގަބޫލުކުރާ ސަބަބުތަކާއި ހަމަތަކުގެ މައްޗަށް ބިނާކޮށް އެމީހުންނަށް އެ ކެންޑިޑޭޓަކު ގެންގުޅޭ އަސާސްތައް ގަބޫލު ކުރެވުނު މިންވަރަކުން ކަމަށްވެސް އޭނާވިދާޅުވިއެވެ. މީހުންނަށް އެގޮތަށް ގަބޫލު ކުރެއްވިއްޖެނަމަ އެމީހުން މަސައްކަތް ކޮށްދޭނީ ވެސް ހިލޭ ސާބަހަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އުމަރުވަނީ އޭނާއަށް ހިލޭ ސާބަހަށް ކެންޕޭން ކޮށްދިނުމަށް 3000 މީހުން ބޭނުންވާ ކަމަށް އިއުލާން ކުރައްވައިފައެވެ.
ފައިސާ ދީގެން ވޯޓު ހޯދާ މީހުން ފަހުން ވާނީ ވަގުންނަށް - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ