ދާދިފަހުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅިވަޑައިގަތުމާއެކު، އިއްތިހާދުގެ ބޮޑު ޕާޓީ، އެމްޑީޕީގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އުމަރު ނަސީރު ވިދާޅުވީ، އެމްޑީޕީ ބައިވެރިވާ އިދިކޮޅުގެ އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
އުމަރު ނަސީރު އަވަސްއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީއާއެކު މަސައްކަތް ނުކުރުމުގެ ސްޓޭންޑަކީ އޭނާ ވަރަށް ކުރީންސުރެ ނަގާފައިވާ ސްޓޭންޑެއް ކަމަށާއި އެ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށެވެ. ޖުމްހޫރީ ޕާޓީއިން އެމްޑީޕީއާއެކު ހިންގާ އެއްވެސް ހަރަކާތަކުން އޭނާ ނުފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާދޭ، އަޅުގަނޑު މިހުރީ ކުރިން ވެސް ހުރި ސްޓޭންޑްގަ، އެމްޑީޕީއާއެކު އަޅުގަނޑެއް ނުފެންނާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ޕާޓީއެއްގައި ހުރުމަކީ އެ ޕާޓީން އަންގައި ހުރިހާ ކަމެއްކޮށް، ހުރިހާ ކަމެއްގައި ބައިވެރިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ކޮންމެ ޕާޓީއެއްގައި ވެސް އަމިއްލަ ފިކުރުގެ މީހުން ތިބޭނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެފައިވަނީ، އެމްޑީޕީ ހަލާކުކޮށްލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެކަން ކުރުމުގެ މަގުސަދުގައި އުމަރު ނަސީރު އެ ޕާޓީއާ ވައިވެސް އެޅުނަ ނުދެއްވާނެ ކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ. ހަސަންގެ އެ ވާހަކައަށް ކޮމެންޓެއް ކުރައްވަން އުމަރު ބޭނުމެއް ނުވި އެވެ.
އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހެއްދެވުމަށް އެ ޕާޓީއަށް ސޮއިކުރެއްވި، އުމަރަކީ އިދިކޮޅު ބޮޑު ޕާޓީ، އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން އަންނަ އެއް ބޭފުޅެވެ. އެމްޑީޕީއާ އެކު އިއްތިހާދުވެފައިވާ ޖޭޕީއަށް އުމަރު ސޮއިކުރުމާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުން އެކަމާ ހިތްހަމަ ނުޖެހި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. ޖުމްހޫރީ ޕާޓީގެ ތެރޭގައި ވެސް އުމަރު ގުޅުމާ ގުޅިގެން ހިޔާލު ތަފާތުވުންތަކެއް ހުރި ކަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މެންބަރުންނަށް ފޮނުއްވި މެސެޖަކުން ހާމަވެ އެވެ. އެ މެސެޖުގައި ވަނީ އުމަރާމެދު ނަފުރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށް ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ގާސިމް އަންގަވާފަ އެވެ.
ސަރުކާރުގައި ހުންނަވާ އަވަސްއަށް އޭރު އުމަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ނިކުމެގެން ދާން ޖެހުނަސް ރައީސްއާ އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރުމަކީ، 100 ޕަސެންޓް ނުވާނެ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ. ޖަލުގައި އޮންނަން ޖެހުނަސް ގައުމުގައި ހައްގުގައި އެއީ ކުރެވެން ނެތް ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
"ގަބޫލުކުރައްވާ، ދުވަހަކު ވެސް އަޅުގަނޑު ނިއިށީންނާނަން ނަޝީދު އަރިހުގައެއް، މި ސަރުކާރުން އަޅުގަނޑު ކާޑާލިޔަސް ޖަލަށް ލިޔަސް ކޮންމެ ކަމެއް ކުރިޔަސް އަޅުގަނޑު ނަޝީދާއެކު ނިއިށީންނާނަން، ދެޓްސް އަ ނޯ ނޯ ފޯ މީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އެމްޑީޕީގެ ސަފުގައި މިހާރު ޖަމީލާއި މަހުލޫފް ހުރި ފަދައިން އޭނާ ހުރެދާނެ ކަމަށް އެމްޑީޕީ އިން އުންމީދު ވެސް ކޮށްގެން ނުވާނެ އެވެ. އަދި އެއީ މުޅިން މޮޔަ ހިޔާލެއް ކަމަށެވެ.
އެމްޑީޕީއާއެކު އެއްވެސް ކަމެއްގައި ބައިވެރިނުވާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ