ގާޒީއަކު "ވަގަށް ނެގުމުން" ނަޝީދަށް ދިނީ ބޮޑު އަދަބެއް - އުމަރު

ގާޒީއަކު "ވަގަށް ނެގުމުން" ނަޝީދަށް ދިނީ އެކަށީގެންވާ ވަރަށް ވުރެން ބޮޑު އަދަބެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ހާމަކުރައްވައިފައިވާ އުމަރު ނަސީރު "އާފަތިސް" ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ނަޝީދަކީ ޝަރުއީ ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ސީދާ އެމްޑީޕީން ވެސް ގަބޫލުކުރާނެ ކަމަށެވެ.
"ނަޝީދު އެކަނި ޕްރައިމަރީގައި ބައިވެރި ކުރުވައިގެން އެމަނިކުފާނަށް ރިޔާސީ ޓިކެޓް އަރުވައިފައިވަނީ ކީއްވެ ކަމެއް ނޭނގޭ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ގާޒީއަކު ވަގަށް ނެގުމުން ނަޝީދަށް ދީފައިވާ އަދަބަކީ އެކަށީގެންވާ އަދަބަކަށްވުރެ ބޮޑު އަދަބެއްކަމާށާއި އެކަމަކު ހުކުމެއް އަންނަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަން އުޅުއްވި ހިސާބުން ފެށިގެން އެކަން އެގޮތަށް ނުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އެންގެވި އެންގެވުމަކީ ރަނގަޅަށް އެންގެވި އެންގެވުމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިވެވޭނެތޯ ކަނޑައަޅުއްވާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރެފައިވާ ހުކުމުން ވެސް ނަޝީދު މިނިވަންވެފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އޭގެފަހުން އެ ހުކުމް ބާތިލްކޮށް ހުކުމް ނެރެފައިވަނީ ސުޕްރީމްކޯޓުގެ ފުލް ބެންޗުން ނޫން ކަމަށްވާތީ އެއީ ބަލައިގަނެވޭނެ ޙުކުމެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ.
ގާނޫނާއި ހިލާފަށް ޕްރައިމަރީ ބާއްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައިސް ނަޝީދާ ހަވާލުކުރި ނަމަވެސް އެމަނިކުފާނު ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ބަލައިނުގަންނަން ނިންމާފައެވެ.
ކުރިއަށް ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރި ނަމަވެސް އިންތިހާބުގައި ވާދަ ކުރަވަން ރާއްޖެ ވަޑައިގަންނަވަން ނަޝީދު ޖެހިލުންވެއެވެ. ސަބަބަކީ ރާއްޖެ ވަޑައިގެންފި ނަމަ އެ މަނިކުފާނު ދާން ޖެހޭނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ