މަސީހަށް އިތުބާރެއްނެތް، އިސްތިއުފާދޭންޖެހޭ: މެންބަރު އަބުދުﷲ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަަދަށް އިތުބާރެއް ނެތްކަމަށާ އޭނާ އެމަގާމުން އިސްތިއުފާދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް އަބުދުﷲ ޔާމީނަށް ތާއީދުކުރައްވާ މެންބަރެއްގެ ގޮތުގައި ހުންނެވި އަބުދުﷲ އަހުމަދު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކު ޕޭޖްގައި ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައެވެ.
މެންބަރު އަބުދުﷲ އަހުމަދު ވިދާޅުވީ މުޅި މަޖިލީހުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ޖާގައެއް ނުދެވޭނެކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ މައްޗަށް އިތުބާރެއް ނެތްކަމަށްވެސް އަބުދުﷲ އަހުމަދު ވިދާޅުވިއެވެ.
މީގެ އިތުރަށް އަބުދުﷲ އަހުމަދު ވަނީ މަސީހު މަގާމުން އިސްތިއުފާދޭންޖެހޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް 45 މެންބަރުންގެ ސޮޔާއިއެކު މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލާގައި އަބުދުﷲ އަހުމަދު ވަނީ ސޮއިކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވުމަށްފަހު ފަހުން ޕީޕީއެމްއާއި ގުޅިފައިވާ މެންބަރު އަބުދުﷲ އަހުމަދުގެ އިތުބާރެއް މަސީހުގެ މައްޗަށް ނެތްކަމަށް ވިދާޅުވެފައިވާއިރު، ސަރުކާރަށް ތާއީދުކޮށް އެޕާޓީއާއިއެކު ތިބި ބައެއް މެންބަރުން ގެންދަނީ ޕީޕީއެމްއިން ވަކިވަމުންނެވެ.
އެގޮތުން ދިއްދޫ ދާއިރާގެ މެންބަރު އަބުދުލް ލަތީފު މުހައްމަދު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ. މީގެ އިތުރަށް އަބުދުﷲ އަހުމަދުގެ ގާތް ބޭފުޅެއްކަމަށްވާ ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުވެސް ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައެވެ.
އަދި އިލްހާމް މިހާރު ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުންނާއި، މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރު ކަމުންވެސް އިސްތިއުފާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ