ރައްޔިތުންނަށް އަމާން މާހައުލެއް ޤާއިމްކޮށްދިނުމަށް ފަހުގައި ނޫނީ މިސަރުކާރުން ތަރައްގީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ރަހުމެއް ނެތް ގަތުލުތައް" މިނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިސަރުކާރުން ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ، ރައްޔިތުންނަށް އަމާން މާހައުލެއް ޤާއިމްކޮށްދިނުމަށް ފަހުގައި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަނީ ކޮން ތަރައްޤީއެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ތަރައްޤީގެ މަސައްކަތުގެ ކުރިން ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުން ކަމަށާއި އެނޫންގޮތެއްގައި ތަރައްޤީގެ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމުގަ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ތަރައްޤީއަކީ ރައްޔިތުންގެ ފުރާނަ އާއި މުދަލާއި ގެދޮރު ސަލާމަތްވެފައި އޮތުމާއި މިނިވަންކަމާއި އެކު ރައްޔިތުންނަށް ދިރިއުޅެވުން ކަމަށާއި އަދި އެގެންނަ ތަރައްޤީއެއްގެ ބޭނުން ހިފާނޭ ރައްޔިތަކު ނެތް ނަމަ އެތަރައްޤީއެއްގެ ބޭނުމެއް ނެތްކަމުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ، ޤަތުލުތައް ހިނގަމުންދަނީ އެފަދަ ކަންކަމަށް ސަރުކާރުން މަގުފަހި ކުރާތީ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ލީޑަރުންނަށް މިއަދު ދެމުންގެންދާ އަނިޔާތައް ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ، އެއީ ވަކިބޭފުޅަކު އަންގަވައިގެން ކުރައްވާ ކަންކަން ކަމަށާއި އެކަން ރައްޔިތުން ދެނެގަންނަން ޖެހޭކަމުގަ އެވެ.
ޤައުމުގައި މާރާމާރީ އާއި ބޮޑެތި ކުށްތައް ހިނގާއިރު، ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި އެބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޟިރުކުރުން ނޫންކަމަކަށް ފުލުހުންނަށް ވަގުތެއް ނެތްކަމުގައިވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން އަދުލު އިންސާފު ލިބިދިނުމުގައި ހަމަހަމަކަން ގެއްލި ސަރުކާރުން އަންގާހައި ގޮތަކަށް މުއައްސަސާތަކުން އަމަލު ކުރަމުންގެންދާ ގެންދިޔުމުގެ ކަންބޮޑުވުންވެސް ރައީސް މައުމޫން ވަނީ ފާޅު ކުރައްވާފަ އެވެ.
އަމާން މާހައުލެއް ގާއިމު ކޮށްދިނުމުގެ ކުރިން ތަރައްގީގެ ވާހަކަ ނުދެއްކޭނެ - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ