ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ 2018 ގައި ރައީސް ޔާމީން ހޮވުން - ޒަމީރު

ދިވެހިންނަށް އޮތް ހަމައެކަނި "ޗޮއިސް" އަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ހޮވުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ގއ. ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިވެހިންނަށް އޮތް ހަމައެކަނި އިޚްތިޔާރަކީ ރައީސް ޔާމީން ކަމަށާއި ކޮލަމާފުށީގައި ވެސް ރައީސް ޔާމީނަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އިތުރު ތަރައްގީ ރަށްރަށަށް ގެންނަން ބޭނުންވާ ނަމަ އިންތިހާބުތައް ސަރުކާރަށް ކާމިޔާބު ކޮށްދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ޒަމީރު ވަނީ ކޮލަމާފުށީ ރައްޔިތުން ބޭނުންވާ ކަންކަން މިހާރު ވެސް ފުރިހަމަ ކޮށްދީފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ޓޫރިޒަމްގެ ސިނާއަތް ގއ. އަތޮޅަށް ގެނައުމަށް ރައީސް ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި މި ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ދޭދޭ މީހުންގެ ތެރޭގައި ހުރި މައްސަލަތަކާއި ނުތަނަވަސްކަން ދޫކޮށްލައި ރައީސް ޔާމީނާ އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ރާވަންޖެހޭ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ގައުމުގެ ކަންކަން ތަރައްގީ ކުރުމަށް ބޭނުންވަނީ މަސައްކަތް ކުރަން ދަންނަ ވެރިއެއް ކަމަށާއި ރާއްޖެ އަށް އެތައް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް އަންނަނީ ރައީސް ޔާމީން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރެއްވުމަށް ކުރައްވާ މަސައްކަތް ފެނުމާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޒަމީރު ވަނީ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ