ވޯޓުގައި ރާއްޖެ ބައިވެރި ނުވުމަކީ ލަދުވެތި ކަމެއް: މައުމޫން

ޤަތުލު އާއްމުތައް ހުއްޓުވުމާއި، ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ މަސައްކަތް ކުރުމަށް އދގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގިވޯޓުގައި ރާއްޖެ ބައިވެރިވެފައިނުވުމަކީ ލަދުވެތިކަމެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ވިދާޅުވީ މިޔަންމާގެ ރައްޔިތުންކަމުގައިވާ ރޮހިންގާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަަކާއި، ރޮހިންގާ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރެއްގައި މަސައްކަތް ކުރަމުންދާއިރު، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ރާއްޖެއިން ޤަތުލު އާއްމުތައް ހުއްޓުވުމާއި، ނަސްލު ނައްތާލުން ފަދަ ކަންކަން އދގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގިވޯޓުގައި ބައިވެރިނުވުމަކީ ލަދުވެތިކަމެއްކަމަށެވެ.
އަދި އެވޯޓަކީ ރޮހިންގާ މުސްލިމުން ހިމާޔަތް ކުރުމަށް ނެގި ވޯޓެއް ނޫންކަމުގައި ދިވެހި ޚާރިއްޖިއްޔާއިން ބުނެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންދާއިރު، ދައުލަތުގެ ބައެއް އިސްވެރިންނަށް މިކަންކަން ނޭންގުމަކީ ހިތާމަކުރައްވާކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އދ ގައި ނެގުނު ވޯޓްގައި ރާއްޖެއިން ބައިވެރިނުވުމަކީ ރޮހިންގާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އަޅާނުލާ ދޫކޮށްލުން ފަދަ ކަމެއްކަމަށެވެ.
އަދި ރާއްޖެއިން ވޯޓަށް ފިލާފައިވާކަމަށް ސިފަ ކުރައްވާ ރައީސް ނަޝީދު ވަނީ ރާއްޖެއިން މި ވޯޓްގައި ބައިވެރިނުވުމުގެ މާނައަކީ ދިވެހިންގެ ޚާރިޖީ ސިޔާސަތު އަނެއްކާވެސް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުންކަމަށެވެ.
ޤަތުލު އާއްމުތައް ހުއްޓުވުމާއި، ނަސްލު ނައްތާލުން ފަދަ ކަންކަން އދގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގިވޯޓުގައި ރާއްޖެއިން ބައިވެރިވެފައިނުވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ނަމަވެސް ސަރުކާރާއި ޚާރިޖީ ވުޒާރާއިން ގެންދަނީ ސަރުކާރުގެ މި އަމަލު ދިފާއުކޮށް ވާހަކަދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ