ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޗައިނާ ސަރުކާރުން 103 މިލިއަން ޑޮލަރުގެ އެހީއެއް

ޗައިނާގެ ދެކުނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް 103 މިލިއަން ޑޮލަރުގެ އެހީއެއް ޗައިނާ ސަރުކާރުން ފޯރުކޮށްދީފިއެވެ.
ޗައިނާގެ ސިވިލް އެފެއަރސް މިނިސްޓްރީން ހާމަކުރައްވާގޮތުގައި ސަރުކާރުން އެހީ ފޯރުކޮށްދީފައިވަނީ ހަތަރު ޕްރޮވިންސަކަށެވެ.
މާލީ އެހީތެރިކަމުގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ، ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަޙައްދުތަކަށް 3300 ޓެންޓާއި 30،000 އަށްވުރެ ގިނަ ރަޖާ އަދި 24،000 އަށްވުރެ ގިނަ އެނދު ފޮނުވާފައެވެ.
ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން އެސަރަޙައްދުތަކުގެ އެތައް ހާސް ބައެއް ވަނީ ގެދޮރު ގެއްލި ޙާލުގައި ޖެހިފައެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކި ހާދިސާތަކުގައި މިހާތަނަށް 33 މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ ސަރުކާރުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ