ބޭސްފަރުވާއަށް ރާއްޖެއން ބޭރަށް ދިޔުމުގެ ފުރުސަތު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދިނުމުން އެ ފުރުސަތުގައި އޭނާ ފިލައިފިނަމަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްއަށް އިންސާފު ލިބުމަށް ހުރަސްއެޅިދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުގެ ހަޤީޤަތް އެނގޭނީ ނާޒިމަށް ނޫން ކަމަށާއި އެހަތިޔާރުގެ ހަޤީޤަތާއި އެކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.
އަދީބު މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު އަށް ފޮނުއްވި ސިޓީއެއްގައެވެ.
އަދީބުގެ ސިޓީގައި އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެނަމަ ނާޒިމްގެ މައްޗަށް ރޭވި ތަމްސީލްވެގެން ދިޔަ ކަންތަކުގެ ތަފްސީލްތައް ހިއްސާކޮށް ޝަރުއީ ކޯޓަކުން ފައިސަލާކޮށްފައިވާ ކަމަކާ ގުޅިގެން ޝަރުއީ ހަމަތަކުގެ މަތިން ދިވެހިރާއްޖޭގެ ކޯޓު ތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ އެންމެހާ ހަގީގަތްތައް ހާމަކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ.
މިކަމާ ގުޅިގެން އުމަރު ވިދާޅުވީ މި މައްސަލާގައި ބަޔާނެއް ދެއްވަން އަދީބު ތައްޔާރަށް ހުންނެވި ވަގުތެއްގައި ބޭސްފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތު ދީ އެ ފުރުސަތުގައި އޭނާ ފިލައިފިނަމަ ހެކި ގެއްލިގެން ގޮސް ނާޒިމްއަށް އިންސާފު ލިބުމަށް ހުރަސް އެޅިދާނެ ކަމަށެވެ.
"މި ބާވަތުގެ ހެކި ބަހަކީ ހުވާކޮށްގެން ހުރެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ދިނުމުން މެނުވީ ސައްހަ ނުވާނެ ހެކި ބަހެއް" އުމަރު ވިދާޅުވިއެވެ.
ނާޒިމްގެ ގެއިން ތިން ވަޒަނާއި ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 27 ވަނަ ދުވަހުއެވެ. އެހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއިދު ކޮށްފައެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ ޖަލު ޙުކުމަށް ތާއިދު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
މިމައްސަލައިގައި އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވާފައި ވާއިރު ނާޒިމް މިނިވަން ވާން މިހާރު އޮތް ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުން އަލުން މިމައްސަލަ ބައްލަވާ ނާޒިމްގެ ކުށެއް ނެތް ކަމަށް ނިންމެވުމެވެ.
އަދީބު ރާއްޖެއިން ބޭރަށް ގޮސް ފިލައިފިނަމަ، ނާޒިމްއަށް އިންސާފު ލިބުމަށް ހުރަސް އެޅޭނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ