ބިލެތްފަހި އިންޖީނުގެ އެނދުމާއި ގުޅިގެން 2.27 މިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ: ފެނަކަ

ށ. އަތޮޅު ބިލެތްފަހި އިންޖިނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 2.27 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.
މިދޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިނގި މިހާދިސާއާ ގުޅިގެން އެރަށު އިންޖީނުގެ ވަނީ ބިމާއި ހަމަވެފައެވެ. އެރަށު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މިހާދިސާ ހިނގައިފައި ވަނީ އެރަށު 112 ކިލޯވޮޓްސްގެ އިންޖީނު ދޮންގަދަވެ އެގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ.
މިކަމުގެ ސަބަބުން އެރަށުގައި ދިރިއުޅޭ 700 ވަރަކަށް ރައްޔިތުން ވަނީ އެއް ދުވަހަށް ކަރަންޓުގެ ޚިދުމަތުން މަހުރޫމް ވެފައެވެ. އެރަށަށް ކަރަންޓުގެ ޚިދުމަތް ލިބިފައި ވަނީ ރޭ ދަންވަރު 00:18 ވާއިރުގައެވެ. އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެއަތޮޅު ފޭދޫ އިން ވަނީ 120 ކިލޯވޮޓްސްގެ ޖަނެރޭޓަރެއް ގެނެސްފައެވެ. މިއީ ވަގުތީ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. ނަމަވެސް އެރަށުގެ ހުރިހާ ހިސާބަކަށް ވެސް މިހާރު އެއްވެސް ދައްޗަކާއި ނުލާ, ބަރާބަރަށް ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.
ފެނަކަ އިން މަޢުލޫމާތު ދިން ގޮތުގައި އެރަށުގައި ވަގުތީ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް މިހާރު ވާނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ