ކައްދޫ އެއާޕޯޓް ގާކޯ އޮފީސް ބަންދުކޮށްފައި ހުންނަތާ ދެދުވަސް ވެއްޖެ

ލ.އަތޮޅު ކައްދޫ އެއާޕޯޓް ގާކޯ އޮފީސް ބަންދުކޮށްފައި ހުންނަތާ ދެދުވަސް ވުމުން، އެތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތަކެއް ދިމާވެއްޖެއެވެ.
އިސްކަންދަރު އެއާބޭސްގެ ނަމުގައި ކައްދޫ އެއާޕޯޓް ހިންގަމުން ދަނީ ކައްދޫ އެއާޕޯޓްސް ކޮމްޕެނީ އިންނެވެ. ގާކޯ އޮފީހަކީ ވެސް އެކުންފުނީގެ ދަށުން ހިންގަމުން އަންނަ އޮފީހެކެވެ.
ލ.އަތޮޅުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ އާއި މިއަދު ވެސް ކާގޯ އޮފީސް ބަންދު ކޮށްފައި ހުރުމުން ކާގޯ ކޮށްފައި ހުރި މުދާތައް ނުނެގި ގިނަ ދަތިތައް ދިމާވެފައިވާ ކަމަށެވެ.
"ކޮންމެ ދުވަހަކު ބޭނުން ކުރާ ހަލާކުވާ ޒާތުގެ ބައެއް މުދާ ކާގޯ މިކުރަނީ މާލެ އިން ރަށަށް. އިއްޔެ ގެނައި މުދާ އިއްޔެ ހަވީރު ނުނެގުނީމަ މިއަދު ހެނދުނު މިއައީ. މިއަދު ވެސް ބަންދުކޮށްފައި ހުރީ. މިހާރު މުދާކޮޅު ހަލާކު ވެދާނެ." އޭނާ ބުންޏެވެ.
ލ.އަތޮޅުގެ ރަށްތަކަށް ތަރުކާރީ އާއި މޭވާ ސަޕްލައި ކުރާ މީހަކު ބުނީ އިއްޔެ އާއި މިއަދު ކާގޯ އޮފީސް ބަންދުކޮށްފައި ހުރުމުން މުދާ ބޭރު ނުކުރެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ތިރީހަކަށް ހާސް ރުފިޔާގެ ގެއްލުމެއް އޭނާ އަށް ލިބޭނެ ކަމަށެވެ.
"ވަރަށް ބޮޑު ގެއްލުމެއް މިލިބުނީ. އިއާދަ ކުރަން ވެސް ދަތިވާނެ މިގެއްލުން." އޭނާ ބުންޏެވެ.
ކައްދޫ އެއާޕޯޓްގެ މެނޭޖަރާއި ހަވާލާދީ ވިޔަފާރިވެރިޔަކު ބުނީ ކާގޯ އޮފީސްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ސަލާމް ބުނެފައި ނުވާކަމަށާއި، އެތަނުގެ މުވައްޒަފުން ފޯނަށް ޖަވާބު ނުދޭތީ ކާގޯ އޮފީސް ބަންދުކޮށްފައި ހުރި ސަބަބު ސާފުނުވާ ކަމަށެވެ.
ލ.އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ކާގޯ ޚިދުމަތް ބޭނުން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ