ކޮރަޕްޝަނުގެ ތުހުމަތުގައި ބްރެޒިލްގެ ކުރީގެ ރައީސް ހައްޔަރު ކޮށްފި

ސައޮ ޕޯލޯ (މާޗް 22) - ކޮރަޕްޝަނުގެ ތުހުމަތުގައި ބްރެޒިލްގެ ކުރީގެ ރައީސް މިޝޭލް ޓެމާ ހައްޔަރުކޮށްފި އެވެ.
ބްރެޒިލްގައި 2016 އިން 2018 އަށް ވެރިކަން ކުރެއްވި އުމުރުން 78 އަހަރުގެ ޓެމާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ވަރަށް ގިނަ މައްސަލަތަކުގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. ޓެމާގެ އުފަން ރަށް ކަމަށްވާ ސައޮ ޕޯލޯ އިން ބުރާސްފަތި ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. ޓެމާގެ ސަރުކާރުގެ މައިނިން އެންޑް އެނާޖީ މިނިސްޓަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އޮގަސްޓް 2016 ގައި ޓެމާ އަށް އަށް ވެރިކަން ލިބިވަޑައިގެންނެވީ ކުރީގެ ރައީސް ޑިލްމާ ރޫސެފްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ އެކަމަނާ މަގާމުން ދުރުކުރުމުންނެވެ. ވެރިކަމުގައި ހުންނެވިއިރު ވެސް ޓެމާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަތައް އޭރު ވަނީ ކޮންގްރެސްގައި ތިބި އޭނާ އަށް ވަފާތެރި މެންބަރުން ހުއްޓުވައިފަ އެވެ.
ގާނޫނީ ޕްރޮފެސަރެއް ކަމަށްވާ ޓެމާގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި ކުންފުނިތަކުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ގެންދަވަނީ މި ހުރިހާ ތުހުމަތަކާ ދެކޮޅު ހައްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ