"ފިނިފެންމާ" ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ވިދާޅެވެއްޖެއެެވެ. އުމަރު ވިދާޅުވީ އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުުވާ ކުރާނެކަމަށެވެ.
ރިޔާސީ ލޯންޗްގައި ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް އަދީބު ހައްޔަރުކޮށްފައިވާއިރު އެ ތުހުމަތުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދީފައިވާ ކަމަށް އަދީބުގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް "ހަވީރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިއަދު އުމަރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ "ޕްރައިމް ސަސްޕެކްޓަކީ" އަދީބު ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަދީބުގެ މައްޗަށް މިހާރު ތުހުމަތުކުރަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ އަށް އެކަނި ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އަދީބުގެ ވަކީލުން ބުންޏެވެ.
ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވި މައްސަލަ ބެލުމަށް ރައީސް ޔާމީން އުފެއްދި ރިޔާސީ ކޮމިޝަންގެ ކޯޗެއާ އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކުރާނެ ކަމަށާއި އަދި އިރާދަކުރެއްވިއްޔާ އޭނާގެ މައްޗަށް ކުށްވެސް ސާބިތު ކުރާނެ ކަމަށެވެ.
ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތުހުމަތު ވެސް އަދީބުގެ މައްޗަށް ވަނީ ކޮށްފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ކޮރަޕްޝަންގެ ދައުވާ ވަނީ އުފުލާފައެވެ. އެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން މި މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީން ރަށްތަކެއް ދޫކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަަށްވެސް ވަނީ ހިޔާނާތުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ ޒިިޔަތުވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މި މަހުގެ 17 ވަނަ ދުވަހު އަމުރުކޮޮށްފައެވެ.
ޒިޔަތުގެ މައްޗަށް އުފުލި ދައުވާ އަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. ދައުވާ އަށް ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް އެދުވަހު އޭނާއަށް ވަނީ ދީފައެވެ. ޝަރީއަތުގެ ފުރަތަމަ ދުވަހު ވެސް ޒިޔަތު ވަނީ އޭނާގެ ވަކީލުން ބޭނުންކޮށްފައެވެ.
އަދީބުގެ އެދުމުގެ މަތިން ވަކީލަކު އައްޔަން ކުރުމަށް އެއް މަސް ދުވަހުގެ މުއްދަތެއް އޭނާ އަށް ވަނީ ދީފައެވެ.
ބޮން ގޮއްވާލި މައްސަލައިގެ ޕްރައިމް ސަސްޕެކްޓަކީ އަދީބު! އަދީބުގެ މައްޗަށް ދަޢުވާކުރާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ