ކޯސްޓްގާޑްގެ ޚިދުމަތަކީ ދިވެހިރައްޔިތުން ފަޚުރުވެރިވާ ޚިދުމަތެއްކަމުގައި ކާނަލް ރިޓަޔަރޑް އަޙުމަދު ޒާޙިރު ވިދާޅުވެއްޖެއެވެ.
ކޯސްޓްގާޑްގެ ޑައިރެކްޓަރ ޖެނެރަލްކަންވެސް ކުރައްވާފައިވާ ކާނަލް ރިޓަޔަރޑް އަޙުމަދު ޒާހިރު މިހެން ވިދާޅުވެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޒާޙިރު ވިދާޅުވީ ކޯސްޓްގާޑުގެ ކޮންމެ މީހަކީވެސް ކޯސްޓްގާޑް މީހަކަށްވީތީ ފަޚްރުވެރިވާންޖެހޭ މީހެއްކަމަށާއި އެ ޕްރައިޑް އަބަދުވެސް ކޯސްޓްގާޑުން ނަގަހައްޓާ ދަމަހައްޓަންޖެހޭކަމަށެވެ. އަދި ކޯސްޓްގާޑުގެ ޚިދުމަތް ރައްޔިތުންނަށް ދޭންފެށިތާ ތިރީސް ތިން އަހަރު ފާހަގަ ކުރެވެމުން ދާއިރު މާޒީ އާއި މުސްތަޤްބަލާއި ދޭތެރޭ ވިސްނާލަން އެބަޖެހޭކަމަށާއި އަޅުގަޑުމެންނަށް މިހާ ހިސާބަށް އާދެވިފައިމިވަނީ މި އިންސްޓިއުޓްގައި ވަރަށް ކުޅަދާނަ ހިތްވަރުގަދަ ބަޔަކު ކުރި ބުރަމަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.
އިއްޔެގެ ކަޅާއި ހުދުގެ ތަސްވީރުތަކާއި މިއަދުގެ ރީތި ކުލަތަކުގެ ހިތްގައިމު މަންޒަރުތަކުން އަޅުގަނޑުމެން ހޯދަންޖެހޭ ފިލާވަޅަކީ ޢިބުރަތްކަމަށާއި ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ޚިލާފަށް އެމްއެންޑީއެފް އޮޔާ ނުގޮސް ހިފަހައްޓަނީ ޒަމާނުއްސުރެ މި މުއައްސަސާގައި އޮންނަ މަސައްކަތުގެ މަތިވެރި އަޚްލާޤުގެ ސަބަބުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ކޯސްޓްގާޑްގެ ފަޚްރާއި ޝަރަފް ދެމެހެއްޓުމަށްޓަކާ ޒިންމާއާއި މަސްއޫލިއްޔާތު އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކޯސްޓްގާޑްގެ ވެރިންނާއި ސިފައިންނަށް ގޮވާލައްވަމުންނެވެ.
މިހަފުލާގައި އެންއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދުވެސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޯސްޓްގާޑުގެ ސިފައިން ވޭތުވެދިޔަ އަހަރު ރާއްޖޭގެ އެކިކަންކޮޅުގައި ކުރައްވާފައިވާ ބުރަ އަދި ބަރު މަސައްކަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރައްވާ ކަމަށާއި މިގޮތުން ފަރަށް އެރުމާއި މީހުން ގެއްލުމާއި އިންޖީނު ހުއްޓުމާއި ކަނޑުމަތީގެ އެކްސިޑެންޓްތަކާއި އަލިފާނުގެ ހާދިސާތަކާއި ފުރިފަހުން ޚަބަރެއް ނުވެގެންނާއި، އޮޑިދޯނިފަހަރު ދިޔަވުމާއި އަޑިޔަށްދިއުމުގެ ހާދިސާތަކުގެ އިތުރުން ބަލިމީހުން އުފުލުމުގެ އޮޕަރޭޝަންތައްވެސް ކޯސްޓްގާޑުގެ ސިފައިން ހިންގާފައިވާކަމަށެވެ.
މީގެ ތެރެއިން ގިނަ އޮޕަރޭޝަންތަކަކީ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް އޮޕަރޭޝަނަކީ ހިތްވަރު ބޯޓް ހޯދުމަށް ހިންގުނު އޮޕަރޭޝަންކަމަށެވެ. މިގޮތުން އެބޯޓް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ އިތުރުން އެބޯޓުން ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ފުރާނަ ސަލާމަތްވި ފަރާތްތައް ސްރީލަންކާގެ މަސްބޯޓެއްގައި ތިއްބާ ރާއްޖެ ގެނައުމަށް ކޯސްޓްގާޑް ޝިޕް ހުރަވީ އިން ކުރި ދަތުރަކީ ކޯސްޓްގާޑުގެ ތާރީޚުގައި އެފަދަ އޮޕަރޭޝަނެއްގައި ކުރި އެންމެ ދިގު ދަތުރުކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިހަފުލާގައި ވޭތުވެދިޔަ އަހަރު ކޯސްޓްގާޑުން ހިންހާފައިވާ ޚާއްޞަ އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދެއްވުމާއި ކޯސްޓްގާޑް ޚިދުމަތުގައި ދިގުމުއްދަތެއްވަންދެން ތިއްބެވި ފަރާތްތަކަށް ކޮމެންޑޭޝަން ލެޓަރ ހަވާލުކޮށްދެއްވުމާއި ވޭތުވެދިޔަ އަހަރު ހިންގުނު ޚާއްޞަ ހަރަކާތްތަކުގައި ވަނަ ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުންވެސް އޮތެވެ. މިނަންބަރު ފުރިހަމަކޮށްދެއްވީ ޝަރަފުވެރި މެހެމާން ކާނަލް ރިޓަޔަރޑް އަޙުމަދު ޒާޙިރުއާއި ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދުގެ އިތުރުން ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އިސްމާޢީލް ޝަރީފުއެވެ.
މިހަފުލާގައި ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އިސްމާޢީލް ޝަރީފުއާއި ކޯސްޓްގާޑުގެ ޑައިރެކްޓަރ މޭޖަރ މުޙައްމަދު ސަލީމްގެ އިތުރުން ކޯސްޓްގާޑަށް އެކި ދުވަސްވަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި ކޯސްޓްގާޑްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ކޯސްޓްގާޑްގެ ޚިދުމަތަކީ ރައްޔިތުން ފަޚުރުވެރިވާ ޚިދުމަތެއް - ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ