ޓޫރިސްޓުންނަށް ރަލާއި އޫރު މަހާއި ސްޕާގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްޓޫރިސްޓުންނަށް ރަލާއި އޫރު މަހާއި ސްޕާގެ ޚިދުމަތް ދިނުމާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅައިދިނުން އެދި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.މިއަދު ހަވީރު ބޭއްވި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވީ ޓޫރިސްޓު ހިދުމަތްދޭ ތަންތާނގައި ޓޫރިސްޓުންނަށް ރަލާއި އޫރުމަސް ވިއްކަނީ، ރާއްޖެ އެތެރެކުރުން މަނާ ތަކެތީގެ ގަވާއިދުގެ ދަށުން އިންތިޒާމުކޮށްފައިވާ އިސްތިސްނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އަދި އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކީ ސައްހަ ނޫން ގަވާއިދެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމަށާއި، ޓޫރިސްޓް ރިސޯޓުތަކުގައި ސްޕާ ހިންގުން މަނާކުރާ އެއްވެސް ގާނޫނެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގައި ގާނޫނީ ގޮތުން ހައްލެއް ހޯދަންޖެހޭފަދަ ހުސޫމަތްތެރި ދައުވާއެއް ޝަރީއަތަށް ހުށަހެޅިފައި ނުވާތީ އާއި މި މައްސަލަ ދައުވާއެއްގެ ގޮތުގައި ބަލައިގަނެ މައުޟޫއީގޮތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.“މިކަމުގައި ގާނޫނީގޮތުން ހައްލެއް ހޯދަންޖެހޭފަދަ ހުސޫމަތްތެރި ދައުވާއެއް ޝަރީއަތަށް ހުށަހެޅިފައި ނުވާތީ އާއި މި މައްސަލަ ދައުވާއެއްގެ ގޮތުގައި ބަލައިގަނެ މައުޟޫއީގޮތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ،” އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުގައި ރަލާއި އޫރުމަހާއި ސްޕާގެ ހިދުމަތް ދިނުމާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން ބާއްވާފައި ވަނީ މިމަހު 5 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ރާއްޖެއަށް ބަނގުރަލާއި އޫރު މަސް އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމަކީ، ދައުލަތުން ދެކޭ ގޮތުގައި ހުއްދަ ކަމެއް ކަމަށެވެ. އެއީ ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތީގެ ގާނޫނާއި ބަނގުރަލާއި އޫރުމަސް އެތެރެ ކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާތީ ކަމުގައި ވަކީލާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ގަވައިދަކީ ސައްހަ ގަވައިދެއް ކަމަށް ބަންޑާރަ ނާއިބް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.ވަކީލާ އަދި ވިދާޅުވީ ސްޕާތައް ހިންގުމަށް ނުވަތަ ރެގިއުލޭޓް ކުރުމަށް ވަކި ހާއްސަ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށެވެ.ރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަށް ހުއްދަ ދީ ސަރުކާރުން ހަދާފައިވާ ގަވާއިދަކީ އިސްލާމްދީނާއި ގާނޫނު އަސާސީއާ ހިލާފު އެއްޗަކަށް ވާތީ، އެ ގަވާއިދު ބާތިލް ކޮށްދިނުމަށް އެދި 11 އޭޕްރީލް 2010 ގައި ހ. ކޮޔާ އިބްރާހީމް ޝަމީމް ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ.އެ ދައުވާގައި ބުނެފައި ވަނީ ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ވިއްކުމުގެ ހުއްދަ ދީފައިވާ ގަވާއިދަކީ ގާނޫނު އަސާސީގެ އަސްލު މަސްދަރު ކަމަށްވާ އިސްލާމްދީނާ ތައާރަޒްވާ އެއްޗެއް ކަމަށެވެ. އަދި ބަނގުރަލަކީ ކަނޑައެޅިގެން އިސްލާމްދީނުގައި މުޅި އުއްމަތަށް ހަރާމް ކުރައްވާފައިވާ އެއްޗަކަށްވީ ހިނދު އަދި ބަނގުރާ ވިއްކާ މީހާ އާއި ގަންނަ މީހާ އާއި އުފުލާ މީހާ އާއި ވިއްކުމުގެ ހުއްދަ ދޭ މީހާގެ އިތުރުން ބަނގުރަލާއި ގުޅިގެން ދިހަ ފަރާތަކަށް އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވާތީ އިސްލާމް ދީނުގެ ހައިބަތު ދިފާއު ކުރުމުގެ ގޮތުން މުސްލިމުންގެ މައްޗަށް މުސްލިމް ގައުމަކުން ކޮށްގެންނުވާނެ ކަމެއްކަން އިސްލާމްދީނުގެ އަސްލުތަކުން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަށް އެ ދައުވާގައި ވެއެވެ.އަދި އެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ހުކުމް ކުރަންދެން ގަވާއިދުން ހުއްދަ ދީފައިވާ ކަންކަން ކުރުން މަނާކޮށް އެ ޤަވާއިދަށް އަމަލު ނުކުރުމަށް އެންގުމަށް ވެސް އެ ދައުވާގައި އެދިފައި ވެއެވެ. އެ މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި ރަލުގެ ހުކުމް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ޖަވާބެއް ހުށައަޅާފައިވެ އެވެ. އަދި ރައީސް ނަޝީދުގެ 26 ފެބްރުއަރީ 2010 ގެ ރޭޑިއޯ ހިތާބު ވެސް ދައުވާއާ އެކު ހުށައަޅާފައިވެ އެވެ. އެއީ އެހިތާބުގައި ރާއްޖޭގައި ހިންގާފައިވާ ހުރިހާ މާރާމާރީއަކީ ރާބޮއެ މަސްތުވެގެން ހިންގާފައިވާ މާރާމާރީތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެވެ.އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން 2 މެއި 2011 ގައި ބާއްވާފައި ވެއެވެ.އެ އަޑުއެހުމުގައި ކޮމިޓީގެ އިސްޤާޟީ ޢަބްދުﷲ ޙަމީދު ތަކުރާރުކޮށް އެޤަޥާޢިދަކީ އިސްލާމްދީނާއި ތައާރަޒް ނުވާ އެއްޗެއްތޯ އެއްސެވުމުން ދައުލަތުގެ ވަކީލުން ބުނެފައި ވަނީ ފުށުއަރާކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި އެއީ ޤާނޫނުން ބާރު ލިބިދީގެން ހެދިފައިވާ ޤަޥާޢިދެއްކަމާއި، އެހެންކަމުން ވަޤުތީ އަމުރެއް ނެރުއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައި ދައުލަތުގެ ވަކީލުން ބުނެފައި ވެއެވެ.ހައިކޯޓުން އެ މައްސަލައިގައި މިއަދާ ހަމައަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.2010 ވަނަ އަހަރު ކުރީކޮޅު ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ޤަވާއިދެއް ހަދާފައެވެ. އެ ހުއްދަ ދިނުމަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށް ސަރުކާރުން އެ ނިންމުން އަނބުރާ  ގެންގޮސްފައި ވަނީ އެކަމާ ދެކޮޅަށް 26 ފެބްރުއަރީ 2010 އެތައްހާސް ބަޔަކު މުޒާހަރާ ކުރުމުންނެވެ.އޭގެ ފަހުން ސަރުކާރުން ދަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ސަރަހައްދުތަކަކީ ފަޅުރަށްރަށް ކަމަށް ކަނޑައަޅައި އެތަންތަނުގައި ބަނގުރާ ވިއްކަން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ