ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން މަދުކުރަން އެމްޑީޕީން ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ފަނޑިޔާރުންނަށް އިންޒާރުދިނުން : މެންބަރު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު - ފޮޓޯ : މަޖިލީހުގެ އިދާރާސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ސަރުކާރު ހިންގާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާ ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ފަނޑިޔާރުންނަށް އިންޒާރުދިނުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.“ސަން” އޮންލައިނަށް ނަޝީދު މިއަދު ވިދާޅުވީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ސައްހަކަމާމެދު ސަރުކާރުން ސުވާލުއުފެއްދުމަށްފަހު، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރަން އެމްޑީޕީން ބިލު ހުށަހެޅުމުގެ މާނައަކީ އެދެކޯޓްގެ ފަނިޔާރުންނަށް މަގާމު ގެއްލުމުގެ މަގުމަތީގައި ތިއްބެވިކަން އިހުސާސްކޮށްދިނުން ކަމަށާއި، އެބިލުގެ މަހުފޫމަކީ ފަނޑިޔާރުންގެ އަދަދު މަދުކުރުން ނޫންކަމަށެވެ. އަދި އެމްޑީޕީން ހުށަހެޅި އެބިލު ފާސްވެއްޖެނަމަ، ސުޕްރީމް ކޯޓާއި ހައިކޯޓު ވެސް އެކުލަވާލަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.ނަޝީދު ވިދާޅުވީ މީގެ ދޮޅުއަހަރު ކުރިން ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނޫ ހެދިއިރު މިހާރު އެކޯޓުތަކުގައި ފަނޑިޔާރުން ބައިތިއްބަން ކަނޑައަޅާފައިވާ އަދަދުތަކަކީ ހުރިހާ ވިސްނުމެއްގެ މީހުންގެ މެދުގައި އެއްބަސްވެވުނު މެދުމިނުގެ ހައްލު ކަމަށެވެ. ނަމަވެސް، ދޮޅުއަހަރު ތެރޭގައި އެއް ޕާޓީއަކުން އިސް ނަގައިގެން އަލުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ފަނޑިޔާރުންނަށް އިންޒާރު ދިނުން ކަމަށް ކުރީގެ ލީގަލް ރިފޯމް މިނިސްޓަރުކަންވެސް ކުރެއްވި ނަޝީދު ވިދާޅުވިއެވެ.ނަޝީދު ވިދާޅުވީ އެހުށަހެޅުމުގެ ސިޔާސީ މަގުސަދަކީ ހަމައެކަނި އެމްޑީޕީ މީހުން ބޭނުންގޮތަކަށް ފަނޑިޔާރުން އެނބުރޭށޭ ބުނުން ކަމަށެވެ. އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ސައްހަކަމާމެދު ވާހަކަ ދެއްކުމަށްފަހު ދަށު ކޯޓުތަކުގެ ހުކުމްތައް ގަބޫލުނުކާރާނެ ކަމަށް އެމްޑީޕީން ފާޅުގައި ބުނަމުންދާ ދަނޑިވަޅެއްގައި، މަތީ ކޯޓުތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމުގެ ބޭނުމުގައި ހުށަހެޅި އެބިލަށް މަޖިލިހުގައި މާބޮޑު ތާއީދެއް ނުލިބޭނެ ކަމަށާއި، އެބިލް ފާސްވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.އެމްޑީޕީން އިއްޔެ މަޖިލީހަށް އިޞްލާޙް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވި 7 ފަނޑިޔާރުން 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށާއި، ހައިކޯޓުގައި ތިއްބެވި 9 ފަނޑިޔާރުން 7 ފަނޑިޔާރުންނަށް މަދުކުރުމަށެވެ. އަދި ހުށަހެޅުން ފާސްވެއްޖެނަމަ، އެއިސްލާހަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެޢަދަދަށް މަތީ ދެކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް ނިންމަންވާނޭ ކަމަށް އެމްޑީޕީގެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ