އިސްލާމްދީނަށް ފުރައްސާރަކޮށް، އެ ދީނަށް ހުތުރުވާ ގޮތަށް އަމަލުކުރާ މީހުންނަށް އަދަބު ދޭން ޖެހޭނެ ކަމަށާއި ވަކި މީހެއްގެ ހައްގުގައި އެކަކު ވެސް ހަލާކުވެގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ގާސިމް ވިދާޅުވީ، ގައުމުގެ އެއްބައިވަންތަކަން ނަގާލައި، ދީނަށް ހުތުރާ ގޮތަށް އަމަލުކޮށްގެން ރަނގަޅު މަންފާއެއް ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް އެކަމަށް ހައްގު އަދަބު ދޭން ޖެހޭނެ އެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަށް އިޝާރާތް ކުރައްވައި، ގާސިމް ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ މީހުންނަށް ސަރުކާރުން ފިޔަވަޅު އެޅުން ލަސްވަނީ، އެކަމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގާތް މީހުން ހިމެނޭތީ ކަމަށެވެ. އެކަމަކު، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކުރީ ކޮންމެ ބަޔަކަސް އެ މީހުންނާ ދޭތެރޭގައި ރައީސް ފިޔަވަޅު އަޅުއްވާނެ ކަމަށް، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.
"ވަކި މީހެއްގެ ހައްގުގައި އެކަކު ވެސް ހަލާކުވެ ގޮސްގެން ނުވާނެ. އެއީ ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް އެކަމަށް ހައްގު އަދަބު ދޭން ޖެހޭނެ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އޭނާ ވަނީ އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވާން ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، ގައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ވެސް ތާއީދު ކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި "ތުއްތު ދަރިފުޅު ދޫކޮށްލާފައި ސީރިއާ އަށް ގޮސް އެ ކުރަނީ ދީނީ ހަނގުރާމައެއް ނޫނެ"ވެ. އަދި ހުރިހާ ކަމެއްގައި ވެސް ދީނުގައި އޮންނަ ގޮތް ދަސް ކުރަން ޖެހޭނެ ކަމަށާއި ހުރިހާ ކަމެއް ގަޟާގަދަރާ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެންމެ ފަހުން ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުމުގައި ވެސް ގާސިމް ވަނީ އެމްޑީއެންގެ މައްސަލައިގައި ސަރުކާރު ދިފާއު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ އެވެ. އަދި އެކަން ކުރުން ލަސްވަނީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކުރަން ވެގެން ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ މައްސަލައިގައި ޖުމްހޫރީ ޕާޓީން ވާހަކަ ދައްކާތީ އެއީ ވަރަށް ކުޑަ ޕާޓީއެއް ކަމާއި އެ ޕާޓީން އެކަމާ ގުޅޭގޮތުން ކުރާނީ ކީއްތޯ ބުނެ މީހުން އަޑު ފަތުރާ ކަމަށެވެ. އެކަމަކު "ބޮޑު ޕާޓީ ހެދިގެން" ނޫޅޭ ކަމަށާއި ކިތަންމެ މީހުން މަދަސް، ދައްކަން ޖެހޭ ވާހަކައެއް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދައްކާނީ ހައްގު ވާހަކަ. ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ވާހަކައެއް ނުދައްކާނަން. އަދި ގާނޫނުގެ ހުދޫދުގެ ތެރެއިން ވާހަކަ ދައްކާނީ،" ގާސިމް ވިދާޅުވި އެވެ.
ވަކި މީހެއްގެ ހައްގުގައި އެކަކު ވެސް ހަލާކުވެގެން ނުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ