އެސެޓް ރިކަވަރީ ކޮމިޝަނުން އާސް އަބްދުﷲ އިސްތިއުފާ ދެއްވައިފި

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ސަރުކާރުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ މެންބަރު ކަމުން ޏ. ފުވައްމުލައް ދަޑިމަގު ގާޑެންގްރޯވ، އާސް އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.
ސަބަބަބު ވިދާޅު ނުވެ، އެ ކޮމިޝަނުން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވައި، އާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނުގެ މެންބަރަކަށް ހަމަޖައްސަވައި، ދެއްވި ފުރުސަތާއި ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި އިތުބާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި އެ ކޮމިޝަން އުފެއްދަވައި އެ ކޮމިޝަންގެ މެންބަރުކަމަށް އާސް ހަމަޖެއްސެވީ 17 ނޮވެމްބަރު 2018 ގައެވެ.
އެ ކޮމިޝަނުން އާސް އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވާނީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދާއި ނަދީމް އިބްރާހީމާއި އައިމިނަތު ހަސަންގެ އިތުރުން ފާތުމަތު ސަރީރާ އެވެ.
ރައީސުލް ޖުމްހޫރިްޔާގެ އޮފީހުން ބުނީ، މި ކޮމިޝަން އުފެއްދުވުމުގެ މަގުސަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެކަންކަން ބެލުން ކަމަށެވެ. އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަހުގީގު ކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ގަރާރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ