ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އަލީ ވަހީދު، ޝަރީފް، އިލްހާމް އަދި އުމަރު

10: 19 - ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އަލީ ވަހީދާއި އިބްރާހީމް ޝަރީފް (މަވޯޓާ) އާއި އިލްހާމް އަހުމަދާއި އުމަރު ނަސީރު އިންތިހާބުވެވަޑައިގެންފި އެވެ.
ޑީއާރުޕީގެ ތިން ވަނަ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ހަވީރު ވޯޓުލުމަށް ފަހު ދެންމެ އިއުލާން ކުރި ނަތީޖާ ދައްކާ ގޮތުން މި އިންތިހާބުން ކުރި ހޯއްދަވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ. އެއީ 645 ވޯޓެވެ. އެންމެ ތިން ވޯޓުގެ ތަފާތަކުން ދެވަނަ ލިބިވަޑައިގަތީ ޕާޓީގެ ސްޕޯކްސްޕާސަން ޝަރީފަށެވެ. އޭނާ އަށް 642 ވޯޓު ލިބިވަޑައިގެންނެވި އިރު ތިން ވަނަ ހޯއްދެވި ގއ. ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމަށް ލިބިވަޑައިގަތީ 593 ވޯޓެވެ. އަދި ހަތަރުވަނަ ލިބިވަޑައިގެންނެވި އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު 502 ވޯޓު ކާމިޔާބު ކުރެއްވި އެވެ.
ވާދަ ކުރެއްވި އަނެއް ހަތަރު ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަކީ ޑރ. އަބްދުﷲ މައުސޫމަށް 393 ވޯޓު، ޑރ. އަފްރާޝީމް އަލީ އަށް 288 ވޯޓު، މުހައްމަދު ސަލީމް (ހޯރަފުށި ސަލީމަށް) 239 ވޯޓު އަދި ޑރ. ފާތިން ހަމީދަށް 210 ވޯޓެވެ.
ގާތްގަނޑަކަށް 1،000 މަންދޫބުން ބައިވެރިވާ ޑީއާރުޕީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުން ހޮވުމަށް އެ ޕާޓީގެ 896 މެމްބަރަކު ވޯޓު ދީފައިވެ އެވެ. އޭގެ ތެރޭގައި ބާތިލް 72 ވޯޓު ހިމެނެ އެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 969 މީހުންނަށެވެ.
ޑީއާރުޕީގެ އެންމެ އިސް މަގާމަކީ ލީޑަރުގެ މަގާމު ކަމަށް ހަމަޖައްސައި އެ ޕާޓީގެ ޒައީމްގެ ލަގަބު މިހާތަނަށް ޒައީމް ކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހާއްސަ ކުރުމަށް ކޮންގްރެސްގައި އިއްޔެ ވަނީ ފާސް ކޮށްފަ އެވެ. އަދި ޑީއާރުޕީގެ ރިޔާސީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރުކަމަށް ވެސް ފާސް ކުރި އެވެ.
ޕާޓީގެ ކައުންސިލުން އެ ގޮތަށް ހުށަހެޅި އިސްލާހު ފާސްވުމުން އަންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ފަރާތުން ވާދަކުރައްވާނީ، ވާދަކުރެއްވުމެއް ނެތި ޕާޓީގެ އާ ލީޑަރުކަން ލިބިވަޑައިގެންފައިވާ މިހާރުގެ ނައިބު ޒައީމް އަހްމަދު ތަސްމީން އަލީ އެވެ.
48: 18 - ވޯޓު ގުނުމުގެ މަސައްކަތުގެ މިހާ ހިސާބުން ބެލެވޭ ގޮތުގައި ކާމިޔާބު ކުރައްވާނީ ޝަރީފް، އަލީ ވަހީދު، އިލްހާމް އަދި އުމަރެވެ.
12: 18 - މިހާރު ކުރިއަށް ދަނީ ގުނުމަށް ފަހު އަލުން ޗެކް ކުރުމުގެ މަސައްކަތެވެ.
11: 17 - ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ހަތަރު ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ވޯޓު ލުމަށް ފަހު އެ ވޯޓު ގުނުން ދަރުބާރުގޭގައި ކުރިއަށް އެބަ ގެންދެ އެވެ.
އިއްޔެ ފެށި އެ ޕާޓީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރު ކަމަށް އަށް ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. އެއީ އުމަރު ނަސީރާއި އަލީ ވަހީދާއި އައްޑޫ ޝަރީފާއި އިލްހާމް އަހުމަދާއި ޑރ. އަބްދުﷲ މައުސޫމާއި ޑރ. އަފްރާޝީމް އަލީ އާއި ޑރ. ފާތިން ހަމީދު އަދި މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އެވެ.
ވޯޓު ގުނަމުން ދަނީ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ މަންދޫބުންނާއި ނޫސްވެރިންގެ ހާޒިރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ