ސުޕްރީމް ކޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓާ، އެމްއެންޑީއެފްގެ މެރިންކޯގެ ސިފައިން އެތަން ދޫކޮށްލާފައި ދިޔަތާ ގާތްގަނޑަކަށް ފަސް ގަޑިއިރުގެ ތެރޭގައި، ބަޔަކު ކޯޓު ދޮށަށް އެއްވެ، އެ ތަނުގެ އިރުމަތީ ގޭޓުގެ ކުޑަ ގޭޓުގެ ތަޅު ހަލާކުކޮށްލައިފި އެވެ.
ޖުޑީޝަލް ޑިޕާޓްމަންޓުގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން ވާހަކަ ދެއްކެވި އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ، ބަޔަކު މީހުން ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ސުޕްރީމް ކޯޓު ދޮށަށް އެއްވެ، އެ ތަނުގެ އިރުމަތީ ގޭޓުގެ ކުޑަ ގޭޓުގެ ތަޅު ހަލާކުކޮށްލާފައިވާ ކަމަށެވެ.
"ދިހަވަރަކަށް މީހުން ވެގެން އެ ގޭޓުގައި ހިފައި ތަޅައި ހަދަން ފެށީމަ އެތެރެ އިން ލާފައި ހުރި ތަޅު ހަލާކުވީ،" އޮފިޝަލް ވިދާޅުވި އެވެ. "ތަޅު ހަލާކުވުމުން އެ މީހުން ކޯޓު ކައިރިން ދުރަށް ދިޔައީ."
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ތަޅު ހަލާކުކޮށްލި ވަގުތު، ސާޅީހަކަށް މީހުންގެ ގުރޫޕެއް، ކޯޓާ ޖެހިގެން ހުންނަ ބަންޑާރަ މިސްކިތް ކައިރި އަށް އެއްވެ އަޑުގަދަކުރަމުން ގެންދިޔަ އެވެ. ސުޕްރީމް ކޯޓުގެ ގޭޓްގެ ތަޅު ހަލާކުކޮށްލާ ހިސާބަށް ދިޔައިރު ވެސް އެ ތަނަށް ފުލުހުން ނުދާ ކަމަށް އެނގިފައިވެ އެވެ. އަދި ސުޕްރީމް ކޯޓު ދޮށަށް އެއްވި މީހުން އެ ސަރަހައްދުން އަމިއްލަ އަށް އެތަނުން ދިޔައީ އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައިވަނީ، ކޯޓުތަކުގެ ސަލާމަތީ ކަންތައްތައް ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަލަހައްޓަންވާނެ ކަމަށެވެ. ނަމަވެސް ވަކި ސަބަބެއް ނާންގައި އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުން ދޫކޮށްލުމަށް ފަހު، ރޭ 30: 7 ހާއިރުން ފެށިގެން އެމްއެންޑީއެފްގެ މެރިންކޯގެ ސިފައިން ވަނީ ގޮސްފަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ސުޕްރީމް ކޯޓު ދޮށަށް ރޭ ދަންވަރު ދިޔައީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަޑުއުފުލަމުން ސައިކަލްތަކެއްގައި ބުރުޖަހަމުން ދުއްވި އެމްޑީޕީގެ އެކްޓިވިސްޓުންތަކެކެވެ.
ބަޔަކު އެއްވެ ސުޕްރީމް ކޯޓުގެ ގޭޓުގެ ތަޅު ހަލާކުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ