ނާޒިމްގެ މައްސަލައިގައި ރީކޯ މޫސާ އާއި އާޒިމް، އަބްދުﷲ ގާޒީއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ މައްސަލަތައް ދިގުދެމިގެންދާތީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޑީއާރުޕީ މެމްބަރު އަލީ އާޒިމް، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އެ ބައްދަލުކުރެއްވުމަށް ފަހު، އެމްޑީޕީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރީކޯ މޫސަ ވިދާޅުވީ ނާޒިމާ ދެކޮޅަށް ހުށަހަޅާފައިވާ މަކަރާއި ހިޔާނާތުގެ މައްސަލަތައް ނިންމުމަށް އެތައް ދުވަހެއް ހޭދަވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މުޒާހަރާ ކުރެވިއްޖެ. އެއްޗެހި ގޮވިއްޖެ. ދެން މިގޮތަށް ހަނދާންކޮށް ދިނުން އޮތީ. މިއަދުގެ ބައްދަލުވުމުގައި އަބްދުﷲ ގާޒީ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ކިޔައިދެއްވި ނާޒިމްގެ މައްސަލަތައް ގޮސްފައިވާ ހިސާބު،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓްތަކުގައި ވަކި ބައެއްގެ މައްސަލަތައް ނުނިންމި ދިގު ދެމިގެންދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އަދި މުޅި އަދުލް އިންސާފުގެ ދާއިރާއާ މެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް އަބްދުﷲ ގާޒީ އަރިހުގައި ދެންނެވި ކަމަށެވެ.
ރީކޯ މޫސާ އާއި އާޒިމްއާ މިއަދު ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ދެއްކެވީ ނާޒިމްގެ މައްސަލައިގެ ވާހަކަ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އާޒިމްގެ ބަހެއް ނުލިބުނެ އެވެ.
ރީކޯ މޫސަ އާއި އާޒިމަކީ ވެސް މަދަނީ ހުކުމެއްކޮށްފައިވާ ދެ ބޭފުޅުންނެވެ. މޫސަގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ ހެވީލޯޑް މޯލްޑިވްސް އަށް ކެޓަޕިލާ ފިނޭންޝަލް އޭޝިއާ އިން ނަގާފައިވާ 700،000 ޑޮލަރު ) 10،794،000ރ.( ގެ ލޯނެއްގެ ބައެއް ނުދައްކައިގެންނެވެ. އެ ލޯނަށް ގެރެންޓީ ދެއްވާފައިވަނީ މޫސަ ކަމަށްވާތީ ހުކުމްކޮށްފައި ވަނީ 189،446 ޑޮލަރު ) 2،921،257ރ.( އަކީ މޫސަ ދައްކަންޖެހޭނެ އެއްޗެއް ކަމަށެވެ. އެ ފައިސާގެ ތެރެއިން 63،148 ޑޮލަރު ) 973،742ރ.( މޫސަ ވަނީ މިހާރު ދައްކައިފަ އެވެ.
އާޒިމްގެ މައްޗަށް ވެސް ހުކުމްކޮށްފައިވަނީ އޭނާ ގެރެންޓީ ދީފައިވާ ލޯނެއް އަނބުރާ ނުދައްކައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ