ހަނދުފުށި ހުޅުދުއާ ވަކިކުރުމުގެ މަސައްކަތް ކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ކެންސަލްކޮށްފި

ހަނދުފުށި ރިސޯޓް އެންޑް ސްޕާގެ ނަމުގައި ހިންގާ ކުރީގެ ސ. ހެރަތެރެ ރިސޯޓު، އެ ރަށާ އެއްފަސްކޮށް ގުޅިފައި އޮންނަ ހުޅުދުއާ ވަކިކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޕްރޮޕޯސަލްތައް އެމްޓީޑީސީން ކެންސަލްކޮށްފި އެވެ.
ހަނދުފުށި ހުޅުދުއާ ވަކިކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް، އެރަށް ތަރައްގީކޮށް، ކުރިން ހިންގި އެމްޓީޑީސީން ކުރި އިއުލާނާ ގުޅިގެން ހަ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައިފައިވާއިރު އެ ޕްރޮޕޯސަލްތައް ކެންސަލްކޮށްފައި ވަނީ އެ ދެ ރަށް ވަކިކުރުމަށް ނިންމައިފައިވާ ސަރަހައްދުގެ ޑީޓެލް ޑްރޯވިންތަކާ މެދު އެމްޓީޑީސީން ހިތްހަމަނުޖެހޭތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީޑީސީގެ އިންވެސްޓާ ޕަބްލިކް ރިލޭޝަން މެނޭޖަރު އާރިފް އަބްދުއްސަމަދު މިއަދު ވިދާޅުވީ ޕްރޮޕޯސަލްތައް ކެންސަލްކޮށްފައި ވަނީ ދެ ރަށް ބުރިކޮށްލާ ސަރަހައްދުގެ ކުރެހުންތަކުގައި ބައެއް ކަހަލަ ޓެކްނިކަލް މައްސަލަތަކެއް އުޅޭތީ ކަމަށެވެ.
"ކުރެހުންތަކުގައި ޓެކްނިކަލް ކުދިކުދި މައްސަލަތަކެއް ހުރުމާ ގުޅިގެން އަލުން ކުރެހުން ސްޓަޑީކޮށް އެކަން ކުރުމަށް މިހާރު ވާނީ އެދިފައި،" އާރިފް ވިދާޅުވި އެވެ. "އެހެންވެ ބިޑިން ޕްރޮސެސް އެއްކޮށް ކެންސަލްކޮށްފައި ވަނީ. ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ވެސް އެކަން އަންގައިފައި މިހާރު ވާނީ."
އެމްޓީޑީސީން ބުނީ ދެ ރަށް ބުރިކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށްޓަކައި ވަރަށް އަވަހަށް ދެވަނަ ފަހަރަށް އިއުލާންކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް މިކަން ކުރަން. އެހެންވީމާ ލިބިފައި އޮތް ހަ މަސް ދުވަހުގެ ތެރޭގައި މި ސައްކަތް ނިންމާލެވޭނެ،" އާރިފް ވިދާޅުވި އެވެ.
ކުރިން ހެރަތެރައިގެ ނަމުގައި ހިންގަމުން ދިޔަ ރިސޯޓް މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޔޮޓް ޓުއާސްއާ އެމްޓީޑީސީން ހަވާލުކޮށްފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި އެ ދެ ރަށް ވަކިކުރުމުގެ މަސައްކަތް ނިންމައިދޭ ގޮތަށެވެ.
އެ ރިސޯޓަށް ދިމާވެފައިވާ މޫދު ވިނަ އާއި ހުއިފަތުގެ މައްސަލަ ހައްލުކުރުމަށް އެ ރަށް ހުޅުދުއާ ވަކިކުރުމަށްޓަކައި އެމްޓީޑީސީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ސާވޭގެ ރިޕޯޓާއި ދެވަނަ ފަހަރަށް ކުރި ސާވޭގެ ރިޕޯޓް ވެސް މިދިޔަ ފެބްރުއަރީ މަހު ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ހުށަހަޅައިފައިވެ އެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން އެ މިނިސްޓްރީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހަނދުފުއްޓާއި ހުޅުދުއާ ގުޅިފައިވާ ސަރަހައްދު ބުރިކޮށްލިޔަސް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމުގެ ސައިންޓިފިކް ހެކި، އީއައިއޭ ރިޕޯޓުގައި ނެތް ކަމަށެވެ.
އެހެން ނަމަވެސް މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ މަޝްވަރާކޮށް އެ ރިސޯޓް ހުޅުދުއާ ވަކިކޮށްލުމުގެ ހުއްދަ އެމްޓީޑީސީ އަށް ދީފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ