ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަންފުޅުގައި ނިއު ދިއްލީން މާލެ އަށް ކޮލަމްބޯ މަގުން ދަތުރު ކުރުމަށްޓަކައި ޓިކެޓް ނަގާފައިވަނީ އިންޑިޔާގެ ޖީއެމްއާރު ކުންފުނިންކަން ސާބިތު ކޮށްދިނުމަށްޓަކައި އެ މައްސަލަ ފެންމަތި ކުރެއްވި އުމަރު ނަސީރު އިތުރު ޑޮކިއުމަންޓްތަކެއް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވައިފި އެވެ.
ޑީއާރުޕީން ވަކި ކުރުމަށް ނިންމާފައިވާ ޑެޕިއުޓީ ލީޑަރު އުމަރު މިއަދު ވިދާޅުވީ ޖީއެމްއާރުން ދިން ޓިކެޓެއްކަން ސާބިތު ކޮށްދެއްވުމަށްޓަކައި އޭސީސީ އަށް ހުށަހެޅުއްވީ ޖީއެމްއާރުގެ ދައުވަތަކަށް އިންޑިޔާގެ ދިއްލީގެ ޓާމިނަލް 5 ހުޅުވުމުގެ ރަސްމިއްޔާތު ކަވަރު ކުރުމަށްޓަކައި ދިޔަ ރާއްޖޭގެ މީޑިއާއިން ދަތުރުކުރި ބައެއް ނޫސްވެރިންނަށް ދިން ޓިކެޓު ވެސް ދޫކޮށްފައި ވަނީ ތަސްމީނާއި ޝާހިދުގެ ޓިކެޓު ވެސް ދޫކުރި ކަމަށް ޓިކެޓުގައި ލިޔެފައިވާ އެފްސީއެމް ޓްރެވެލްސް ސޮލިއުޝަން އިންޑިޔާ ލިމިޓެޑުން ކަމަށް ބުނެފައިވާ ލިޔުމެއް ކަމަށެވެ.
އެ ގޮތުން އެމްއެންބީސީ ވަންގެ ދެ ނޫސްވެރިއަކާއި ރާއްޖެ ރޭޑިޔޯގެ ނޫސްވެރިއަކަށް ދޫކޮށްފައިވާ ޓިކެޓުގެ ކޮޕީ ވެސް އޭސީސީ އަށް ހުށަހަޅުއްވާފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އެހެންވީމަ މި ލިޔުންތަކުން އެބަ އިނގޭ ޖީއެމްއާރުގެ ޓިކެޓުތައް ނަގާ އެޖެންޓުކަން ތަސްމީނާއި ޝާހިދުގެ ޓިކެޓު ވެސް ނަގާފައި ވަނީ. އެއީ ގުޅުމެއް އޮތް ބައެއްކަން މި ކަމުން އިނގޭ،" އުމަރު ވިދާޅުވި އެވެ.
ތަސްމީނާއި ޝާހިދަށް ޖީއެމްއާރުން ޓިކެޓު ދިން ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އުމަރު ވަނީ މި މަހުގެ މެދުތެރޭގައި އޭސީސީއަށް ހުށަހަޅުއްވައިފަ އެވެ.
ނިއު ދިއްލީން މާލެ އަށް ކޮލަމްބޯ މަގުން އޮކްޓޯބަރު 30 ގައި ދަތުރު ކުރުމަށް އޮކްޓޯބަރު 26 ގައި ތަސްމީނާއި ޝާހިދުގެ ނަމުގައި ޓިކެޓު ދޫކޮށްފައިވަނީ ހައިދްރަބާދުގައި ހުންނަ އެފްސީއެމް ޓްރެވަލް ސޮލިޝަންސް ލިމިޓެޑް އިންޑިއާ އިން ޖީއެމްއާރުގެ ނަމުގަ އެވެ. ނަމަވެސް އެއީ ޖީއެމްއާރުން ނެގި ޓިކެޓެއް ކަމެއް ކަށަވަރެއް ނުވެ އެވެ. އަދި މި ޓިކެޓްގައި ދަތުރުނުކޮށް ވަނީ ރިފަންޑްކޮށްފަ އެވެ.
ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އެޖެންޓަކު ޝާހިދާއި ތަސްމީންގެ ނަންފުޅުގައި، ނިއު ދިއްލީން ރާއްޖެ އަށް ވަޑައިގަތުމަށް ދޫކޮށްފައިވާ ކަމަށް ބުނާ ޓިކެޓެއްގެ ކޮޕީ އާއި އެއީ "ސައްހަ" ޓިކެޓެއް ކަމަށް ބުނެ އެ އެއާލައިންގެ އޮފިޝަލަކު އުމަރަށް ދިންެ ސިޓީއެއް މީގެ ކުރިން އޭނާ ވަނީ މީޑިއާ އަށް ހާމަކޮށްފަ އެވެ.
އެ އެއާލައިނުން ރާއްޖެ އަށް ކަނޑައަޅާފައިވާ މެނޭޖަރު ދައްމިކަ ކުލަތުންގަ ސޮއިކޮށްފައިވާ ސިޓީއާ ގުޅޭ ގޮތުން އޭނާ "ހަވީރަ" ށް ބުނެފައި ވަނީ ތަސްމީނާއި ޝާހިދުގެ ނަންފުޅުގައި އޮތް ދެ ޓިކެޓަކީ ސައްހަ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް ޓިކެޓް ރިފަންޑްކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ތަސްމީނާއި ޝާހިދުގެ މައްޗަށް ކުރެވޭ މި ތުހުމަތު އެ ދެ ބޭފުޅުން ވެސް ވަނީ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ.
އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ތަސްމީނާއި ޝާހިދުގެ ޓިކެޓުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ގޮސްފައިވާ ހިސާބެއް އޭނާ ވިދާޅެއް ނުވެ އެވެ.
ތަސްމީނާއި ޝާހިދުގެ ޓިކެޓަކީ ޖީއެމްއާރުން ނެގި އެއްޗެއްކަން ސާބިތު ކޮށްދޭން އިތުރު ލިޔުންތަކެއް އުމަރު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ