ޕާޓީ ތެރޭގެ މުހިންމު މައްސަލަތައް ޒައީމާ ހިއްސާކުރެވިއްޖެ: އުމަރު

ޑީއާރުޕީ ތެރޭގައި މިހާރު ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ގިނަ ކަންތައްތަކެއް ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާ ހިއްސާކުރައްވައިފި ކަމަށާއި މެލޭޝިއާ ދަތުރު ވަރަށް ކާމިޔާބު ކަމަށް އެ މަނިކުފާނާ ބައްދަލު ކުރެއްވުމަށްޓަކައި ވަޑައިގެންނެވި އުމަރު ނަސީރުގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
"މިހާރު ވާނީ ޕާޓީގެ އެތެރޭގެ ވަރަށް ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް މައުމޫނާ ހިއްސާކުރެވިފައި. ޕާޓީގެ މަސްލަހަތާއި މުސްތަގުބަލަށްޓަކައި އަޅުގަނޑުމެންނަށް ފެންނަ ކަންތައްތައް އެމަނިކުފާނަށް ދެންނެވިން. މިއީ ވަރަށް ކާމިޔާބު ދަތުރެއް،" ޑީއާރުޕީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މެލޭޝިއާގައި ހުންނަވައި ފޯނުން "ހަވީރަ" ށް ވިދާޅުވި އެވެ.
ޕާޓީގެ އަނެއް ޑެޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ވިދާޅުވީ ދަތުރުގެ މަގުސަދު ވަރަށް ބޮޑަށް ހާސިލް ކުރެވިއްޖެ ކަމަށެވެ.
ޕާޓީގެ ލީޑަޝިޕް ތެރޭގައި މިހާރު އުފެދިފައިވާ ހަމަނުޖެހުމާ މެދު މައުމޫން ވަކި އެއްޗެއް ވިދާޅުވިތޯ ދެންނެވުމުން އެ ބޭފުޅުން ވިދާޅުވީ މައުމޫން އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުނުވާ ކަމަށެވެ.
"ރައީސް މައުމޫން ވިދާޅުވީ ޕާޓީ ތެރޭގެ ހާލަތު މި ވަގުތު ހުރި ގޮތުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް. އަދި އެކަންތައްތައް ހަމަޔަކަށް އަޅުއްވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑުމެން ރައީސް މައުމޫން އަރިހުގައި އެދުނިން. ވިދާޅުވި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ އަންނަ ފެބްރުއަރީ 5 ގައި ބާއްވާ ލޯކަލް އިންތިހާބުގެ ކެމްޕޭނުގައި މައުމޫން ނުކުމެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
"ލޯކަލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މައުމޫން ކެމްޕޭނަށް ނުކުމެވަޑައިގަތުން މުހިންމު ކަމަށް އަޅުގަނޑުމެން ދެންނެވިން. އެމަނިކުފާނު ވިދާޅުވި ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް. ރަށްރަށަށް ވެސް ވަޑައިގަންނަވާނެ ކަމަށް. އަދި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި،" އިލްހާމް ވިދާޅުވި އެވެ.
އުމަރުގެ ޓީމު މައުމޫނާ ބައްދަލުކުރެއްވުމަށްޓަކައި މެލޭޝިއާ އަށް ދިޔައިރު އުމަރު ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އަދި ކޮމެޓީގެ އެ ނިންމުން ގަބޫލުނުކުރުމަށް ވެސް ޕާޓީގެ މެމްބަރުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
އުމަރު ޓީމުގައި ހިމެނިވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ވެސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް މައުމޫން ތާއީދު ކުރައްވާނެ ކަމާ މެދު "ޝައްކު" ކަމަށެވެ.
މައުމޫނާ ބައްދަލުކުރެއްވުމަށްޓަކައި މެލޭޝިއާ އަށް ވަޑައިގަތީ އުމަރާއި އިލްހާއި މަހުލޫފުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނިލަންދޫ ދާއިރާގެ މެމްބަރު ްއަބްދުލް މުހުސިން ހަމީދެވެ. އެ ބޭފުޅުން މާދަމާ ރޭ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެ އެވެ. އެހެންނަމަވެސް މައުމޫން ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ