ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ ގަހާ އަހުމަދު ސައީދު މެންބަރު ކަމުން އިސްތިއުފާ ދެއްވުމުން ދޭހަވަނީ އެމްޑީޕީ ތެރޭގައި ޑިމޮކުރަސީ ނެތްވަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ހިތަދޫގެ ބަޔަކު ޖުމްހޫރީ ޕާޓީއާ އަލަށް މިރޭ ގުޅުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގަހާ ސައީދުގެ އިސްތިއުފާ ދެއްވީ ހަގީގަތް ހާމަވާނެކަން އެނގޭތީ އެކަން ގަބޫލު ކުރަން ބޭނުން ނުވެގެން ކަމަށެވެ.
"ނުހިންގާ ބަޣާވާތެއްގެ ވާހަކަ ނުވެސް ލިޔެވޭނެ. އޭގެ ހެއްކެތް އެއީ ގަހާ ސައީދު އިސްތިއުފާ ދެއްވީ. އަޅުގަނޑު ހިތައް އަރަނީ މިއީ ގައުމެއްގެ ކުރިމަތީ [ބަރަހަނާވެގެންދާނެ] އެއް ދުވަހޭ މިއަދަކީ. ޑޮމޮކުރަސީއެއް ނެތް ވަރު އެމީހުންގެ ތެރޭގައި އެކަމުން އެނގެނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކޮމިޝަނުގެ މެންބަރުން ކަމުން ސައީދު ވަކިވުމުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި އަދި އެނާ އިސްތިއުފާ ދެއްވުމަކީ ކޮމިޝަނުގެ ރިޕޯޓާއިމެދު ސުވާލު އުފެދޭ ކަމެއްވެސް ނޫން ކަމަށެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ބުރަދަން ހުރި ވާހަކައެއް ސައީދު ނުދައްކަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމަ އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ކަމަށް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެން ބަލައިއެއް ނުގަންނަން. ދިވެހި ރާއްޖޭގެ ރައްޔިތުންވެސް ބަލައެއް ނުގަންނާނެ. ބައިނަލް އަގުވާމީ ފަރާތަކުންވެސް ބަލައިއެއް ނުގަންނާނެ. އެއްވެސް ތާކުން ބަލައިނުގަންނާނެ،" ގާސިމް ވިދާޅުވި އެވެ.
މި ރަސްމިޔާތުގައި ޖުމްހޫރީ ޕާޓީގެ ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ކޯނި ގެ ރިޕޯޓަށް ފަހު ގައުމަށް ފިނިކަން އަންނާނެ ކަމަށެވެ.
ޑީޑީ ވިދާޅުވީ ކޯނީގެ ރިޕޯޓަށް ފަހު ޑިމޮކްރަސީގެ ނަމުގައި ހަމަ ނުޖެހުން ހިންގަން އެއްވެސް ބަޔަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށާއި ކިތަންމެ ވަރަކަށް ހަގީގަތް އޮޅުވާލަން އުޅުނު ނަމަވެސް ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ.
"މާދަމާ ނެރޭ ކޯނީގެ އެ ރިޕޯޓުން ދިވެހި ރައްޔިތުނަށް ވަރަށް ބޮޑު ފިނިކަމެއް ލިބިގެންދާނެ. އަދި އެއަށް ފަހުގައި މަގުމަތީގައި ކިތަންމެ ވަރަކަށް ޑިމޮކުރަސީގެ ނަމުގަ އޭ ކިޔާފައި ނާޖާއިޒް ފައިދާ ގަނަން ތަފާތު އެތައް ކަމެއް ހިންގިއަސް ޑިމޮކުރަސީއާ ހިލާފު ކަންތައް ތަކެއް ކުރައްވާ ކަމަށްވަންޏާ މި ސަރުކާރު ފަހަތަކަށް ނުޖެހޭނެ އެކަން ހަމަ މަގަށް އަޅުވާކަށް،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ މިހާރު ސަރުކާރާއިއެކު ކަމަށާއި މި ގައުމު ސަލާމަތްކޮށް ދިނުމުގައި ސިފައިންނާއި ފުލުހުން އެކުގައި ކަމަށެވެ.
މިރޭގެ ރަސްމިޔާތުގައި އައްޑޫސިޓީ ހިތަދޫއިން ޖުމްހޫރީ ޕާޓީއަށް ސޮއިކުރި 50 މީހުންގެ ފޯމް ވަނީ ޕާޓީއާ ހަވާލުކޮށްފަ އެވެ.
ސައީދު އިސްތިއުފާއަކީ އެމްޑީޕީ ތެރޭގައި ޑިމޮކުރަސީ ނެތުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ