ސާބިތު ދަރަނީގެ ފައިސާ ރ. އަތޮޅު މެންބަރު އަލީ ވަހީދު މިއަދު ކޯޓަށް ދައްކަވައި ހަލާސްކުރައްވައިފި

ތެއްތިރީސް ހާހަށް ވުރެ ގިނަ ރުފިޔާގެ ސާބިތު ދަރަންޏެއްގެ މައްސަލައިގައި ތަކުރާރުކޮށް މަސައްކަތްކުރައްވައިގެން ވެސް ކޯޓަށް ހާޒިރު ނުކުރެއްވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރު އަލީ ވަހީދުގެ ދަރަނީގެ ފައިސާ ކޯޓަށް ދައްކަވައި އެ މައްސަލަ އޭނާ މިއަދު ހަލާސްކުރައްވައިފި ކަމަށް މަދަނީ ކޯޓުން ކަށަވަރުކޮށްދެއްވައިފި އެވެ.
އެ ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ހއ. ތަކަންދޫ ވިލުވެލި ދާއޫދު އިބުރާހީމަށް، އަލީ ވަހީދު ދައްކަވަން ޖެހިވަޑައިގެންފައިވާ 33،333.33ރ. ގެ ސާބިތު ދަރަނި އަދާކުރެއްވީ އޭނާ ކޯޓަށް ހާޒިރު ކުރެއްވުމަށް ފާއިތުވި 21 މަސް ދުވަހުގެ ތެރޭގައި 17 ފަހަރެއްގެ މަތިން އެ ކޯޓުން މަސައްކަތް ކުރައްވައިގެން ވެސް ކާމިޔާބު ނުވި ހަބަރު "ހަވީރު" ގައި އިއްޔެ ޝާއިއުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ކަމަށެވެ.
"އިއްޒަތްތެރި މެންބަރު މިއަދު ހެނދުނު އެ ފައިސާ ބަރާބަރަށް އަދާކޮށްދެއްވައިފި. މިހާރު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެ ފައިސާގެ ހައްގުވެރިޔާ އަށް ފައިސާ ރައްދުކުރުމަށް،" ހަވީރަށް މައުލޫމާތު ދެއްވި ކޯޓުގެ އޮފިޝަލު ވިދާޅުވި އެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެއްވުމަށްޓަކައި 17 ފަހަރު މަސައްކަތް ކުރެއްވިއިރު ފުލުހުން މެދުވެރިކޮށް ހަތް ފަހަރު މަތިން މަސައްކަތްކުރައްވާފައިވާ ކަމަށް ވެސް ޖަސްޓިސް މިނިސްޓްރީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
"މި މައްސަލަ މިއަދު ނިމިގެން ދިޔައިރު ފާހަގަކުރަން އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަށް ދިވެހި ރާއްޖޭގެ އަޑަށް ކޯޓުން ފޮނުވި އިއުލާނު ބްރޯޑްކާސްޓްކޮށްދެއްވުމަށް އެ ފަރާތުން އިއުތިރާޒުކުރުން ވެސް... ކުރެވުނު ހުރިހާ މަސައްކަތްތަކަކަށް ފަހު ހަވީރުގައި ހަބަރު ޝާއިއުވެގެން ދިއުމުން މި މައްސަލަ މި ނިމުނީ،" ނޫހުގައި ނަން ޖަހަން ބޭނުންފުޅުނުވާ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އަލީ ވަހީދުގެ ސާބިތު ދަރަނީގެ މައްސަލަ ބައެއް މަޖައްލާތަކާއި ވެބްސައިޓުތަކުގައި ވެސް މީގެ ކުރިން ވަނީ ޝާއިއުކޮށްފަ އެވެ.
ޖަސްޓިހުން އިއްޔެ ވިދާޅުވީ އަލީ ވަހީދުގެ އަދާކުރައްވަންޖެހޭ ސާބިތު ދަރަނީގެ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކޮށްދެއްވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ވެސް ތަކުރާރުކޮށް ދަންނަވާފައިވާ ކަމަށާއި އަދި އަލީ ވަހީދުގެ މުސާރައިން އެ ފައިސާ ކަނޑުއްވައި ދަރަނި ހަލާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވެސް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
"މަޖީލީހުގެ އިދާރާ އިން ފުރަތަމަ އެންގެވީ އިދާރީ ކޮމެޓީއާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމަވާ ގޮތެއް އަންގަވާނެ ކަމަށް. އަދި އިދާރީ ކޮމެޓީގެ އެޖެންޑާގައި އެކަން ހިމެނުއްވި ކަމަށް ވެސް އެންގެވި. ފަހުން ވިދާޅުވީ އެ މައްސަލަ އިގުތުސޯދީ ކޮމެޓީއަށް ފޮނުއްވާފައިވާ ކަމަށް،" ޖަސްޓިހުގެ އޮފިޝަލެއް އިއްޔެ ވިދާޅުވި އެވެ.
ޖަސްޓިހުން ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލައިގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެއްވުމަށް ތަކުރާރުކޮށް ހޯމް މިނިސްޓްރީގައި އެދިވަޑައިގަތުމުން، މި އަހަރުގެ ފެބްރުއަރީ 15 ގައި ޖަސްޓިހުން އަމަލުކުރައްވަން ފެއްޓެވި ގަވައިދާ އެއްގޮތަށް އަމަލު ކުރެއްވުމަށް އަންގަވާފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން މިދިއަ އަހަރުގެ ޖޫން މަހުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްދެއްވުމަށް ވެސް ޖަސްޓިހުން ކަމާ ބެހޭ ފަރާތްތަކަށް އެންގެވި ކަމަށް ވެ އެވެ.
ޖަސްޓިހުން އިއްޔެ ވިދާޅުވީ އަލީ ވަހީދު ގޭބަންދުގައި ބަހައްޓަވައިގެން ކޯޓަށް ހާޒިރުކޮށްދެއްވުމަށް ޕޮލިހުގައި މި މަހު ވެސް ދަންނަވައިފައިވާނެ ކަމަށާއި އަދި ބަންދުގައި ބަހައްޓަވައިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކޮށްދެއްވުމަށް ޕޮލިހުގައި ދަންވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ