ސ. ފެދު އާއި މަރަދޫފޭދޫ ސްކޫލް ކުދިންތަކެއް ގޮވައިގެން އިއްޔެ ހިތަދުއަށް ދިޔަ ބަހަކަށް މަރަދޫ ތެރެއިން ބަޔަކު ގާއުކައި ބަހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.
މި މަހު ކުރީކޮޅު އައްޑޫގައި ހިނގި ސިލްސިލާ މާރާމާރީގެ މައްސަލަ ހައްލުނުވެ އުޅެނިކޮށް ހިނގި މި ހާދިސާގައި، ފަސްދޮޅަހަކަށް ކުދިން ގޮވައިގެން ގުޅިފައިވާ ރަށްތަކުގެ ތެރެއިން ދިޔަ މި ބަހަށް ގާއުކުމުގެ ސަބަބުން ބަހުގެ ވާތް ފަރާތު ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުއްޖެއްގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ދިއުމުގެ އިތުރުން އެހެން އަންހެން ކުއްޖެއްގެ ފައިގައި ގާބުރިއަކުން ޖެހި ވަނީ އަނިޔާވެފަ އެވެ.
ގާބުރިން ޖެހި ފަޔަށް އަނިޔާވި މަރަދޫފޭދޫ އަންހެން ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނި ގޮތުގައި މިކަން ހިނގައިފައި ވަނީ އިއްޔެ ހެނދުނު 9.30 ހާއިރު ބަހުގައި ސްކޫލަށް ދަނިކޮށް މަރަދު އާއި ހަންކެޑެ ގުޅުނު ސަރަހައްދުންނެވެ.
"ދަރިފުޅު ބުނީ ބަސް އެ ހިސާބަށް އަރައި ހަމަވިތަނާ ބަޔަކު ބަހަށް ގާއުކަން ފެށީ ކަމަށް. އެހެން ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނޭނގޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ދޭތެރެދޭތެރެއިން ބަހަށް ގާއުކާ ކަމަށް ދަރިފުޅު ބުނޭ."
ސްކޫލް ކުދިން ގޮވައިގެން ދަތުރު ކުރަމުން އަންނަ ފޭދޫ އަމާޒު ކާޕެންޓްރީގެ ބަހަށް ގާއުކުމާ ގުޅިގެން މި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
"އަޅުގަނޑުމެން މިހާރު އާންމުކޮށް ދަތުރު ކުރަމުން ދަނީ ބަހުގެ ކުރީގަ އާއި ފަހަތުގައި ދެ ސައިކަލުގައި ދެ މީހުން ދަތުރުކުރާ ގޮތަށް ބައިތިއްބައިގެން. އެއީ ކުދިންގެ ސަލާމަތަށްޓަކައި. އެއީ ވެސް މި މައްސަލަތަކާ ގުޅިގެން. އެހެން ނަމަވެސް އިއްޔެ ހިތަދުއަށް ދިޔައިރު އެ ދެ ސައިކަލެއް ނެތް،" އަމާޒުން ވާހަކަ ދެއްކި މީހަކު މިއަދު ބުންޏެވެ.
ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރު ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ ބަހަށް ގާއުކި މައްސަލަ މިހާރު ބަލަމުން ގެންދާ ކަމަށެވެ.
"(މިމަހު ކުރީކޮޅު) މާރާމާރީ ހިންގައި ހަމަނުޖެހުން އުފެއްދި މައްސަލަ އަދިވެސް އެއްކޮށް ހައްލެއްނުވޭ. އަޅުގަނޑުމެން މި ގެންދަނީ އަދިވެސް މި ކަމުގައި ޝާމިލްވާ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން،" ހަމްދޫން ވިދާޅުވި އެވެ. "އަދި ޕެޓްރޯލްކުރުމުގެ ކަންތައްތައް ވެސް ހުއްޓާނުލައި ކުރިއަށް އެބަދޭ."
އޭނާ ވިދާޅުވީ މި މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދޭނީ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އަދި ހާއްސަކޮށް ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެންޖެހޭ ކަމަށެވެ.
"މި ކަމުގައި ބޮޑަށް ޝާމިލު މިވަނީ ސްކޫލުތަކުގެ އުޅޭ އުމުރުން 18 އަހަރު ނުފުރޭ ކުދިން. އެހެންވީމާ ބެލެނިވެރިން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭންޖެހޭ،" ހަމްދޫން ވިދާޅުވި އެވެ.
ގަން ޕޮލިސް ސްޓޭޝަނުން ވިދާޅުވީ އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އަށް މީހުން ކަމަށާއި އެ މީހުންގެ މައްސަލަ ތަހުގީގުކޮށް ވަރަށް އަވަހަށް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.
ސްކޫލް ކުދިންތަކެއް ދަތުރުކުރަމުންދިޔަ ބަހަކަށް މަރަދޫ ތެރެއިން ގާއުކައި ގެއްލުންތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ