ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ތުހުމަތެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ޗިޓެއް މިރޭ ލިބިވަޑައިގެންފައިވާ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ( 241 ކޮމެޓީ) ގެ މުގައްރިރުކަން ވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓްގައި އަންގާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. މަހުލޫފު ވެސް ވިދާޅުވީ ޗިޓު އައިސްފައި ވަނީ އެ ގޮތަށް ކަމަށެވެ.
ނަމަވެސް ކޯޓަށް ހާޒިރުވާން އެންގީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަލީ ވަހީދާއި މަހުލޫފު ވިދާޅެއް ނުވެ އެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ ގެކޮޅު މުލީއާގޭ ދޮށަށާއި ސިފައިންގެ ކައިރިއަށް އެއްވި މައްސަލައިގައި ތަފާތު އެތައް ފަހަރަކު އެކި ކަންކަމާ ގުޅިގެން ސުވާލު ކުރުމަށް އެ ދެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވެ އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމަށް ބުނާ މައްސަލައެއްގައި ކްރިމިނިލް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް އެންގިއިރު އޭނާ ރިޔާސަތު ބަލަހައްޓަވާ 241 ކޮމެޓީއަށް ސިފައިންނާއި ފުލުހުންގެ އިސްވެރިން ހާޒިރުވެ ވަޑައިނުގަތުމުން އެކަމުގައި އިސްތިޝާރީ ލަފައަކަށް އެދުމުގެ ގަރާރެއް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އަދި ސިފައިންނާއި ފުލުހުން އެކި ކަންކަމާ ގުޅިގެން އެ ކޮމެޓީއަށް ހާޒިރު ކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް އަލީ ވަހީދެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ތުހުމަތުގައި އަލީ ވަހީދާއި މަހުލޫފް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ