މަސްވެރިންނަށް ދިމާވެފައި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރާނެ: ގާސިމް

މަސްވެރިންނަށް ދިމާވެފައިވާ އެކިއެކި ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މަސްވެރިންނަށް އަރިސްކުރައްވައި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ދަތިތަކުން އަރައިގަތުމާއި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
"މަސްވެރިންނަށް ދިމާވެފައިވާ އެކި ދަތިތައް ހައްލުކުރުމަށް ރައީސް ސޯލިހާއި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިފަދައިން ވިދާޅުވެފައިވާ އިރު، ކަންނެލި ނުކިރި ގިނަދުވަސްވާތީ އާއި ކަންނެލި ގަންނަ އަގު ކުޑަކޮށްފައިވާތީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ވަނީ 70 އަށްވުރެ ގިނަ ކަންނެލި ދޯންޏާއެކު އިއްޔެ ކަނޑުމަތީގައި އިހުތިތާޖުކޮށްފައެވެ. ބޮޑުކަންނެލީގެ އިތުރުން ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުންވެސް އަންނަނީ މަސް ކިރުމުގައި ދަތިތައް ކުރުމަތިވާތީ އެކަމުގެ ކަންބޮޑުވުންވެސް ހިއްސާކުރަމުންނެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެންބަރު މަހުގެ ދިހަވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ