ޝިޔާމްގެ ދިފާއުގައި ޤައްސާން މައުމޫން ނިކުންނަވައިފި

މޭޖަރ ޖެނެރަލް ޝިޔާމްގެ މައްޗަށް ދައުވާކުރަނީ، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން އޭނާގެ ބައްޕަ ދިރިއުޅެމުން ގޮސްފައިވާތީ، މިއީ އޭނާގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ވާތީއެވެ. ޝިޔާމްގެ މައްޗަށް ކުރުމަށް އެދިފައިވަނީ ދެ ދައުވާއެކެވެ.
އެއީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
ޝިޔާމްގެ މައްޗަށް ދައުވާކުރަން ފޮނުވުމުން، ރައީސް މައުމޫންގެ ދަރިިކަލުން ޤައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސިފައިންނަކީ ޤައުމަށް އިހުލާސްތެރި ބައެއްކަން ތާރީހް ހެކިދޭ ކަމަށާއި، ޤައުމާއި ޤާނޫނު އަސާސީ ދިފާއުކުރުމަށް ކުރެއްވި ހުވާ ދެމެހެއްޓުމަކީ ސިޔާސީވުން ނޫން ކަމަށެވެ. އަދި ޝިޔާމް އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ގޮޅިއަށް ފައްތަން ކުރާ މަސައްކަތް ކުށްވެރިކުރާކަމަށް ޤައްސާން ވިދާޅުވެފައިވެއެވެ. 
ބައްޕާފުޅު ޖަލުގައި އެތަކެއް އަނިޔާތަކަކާއި ކުރިމަތިލައްވަމުންގެންދަވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރެއިން ފައިދާތައް ހާސިލްކުރައްވަމުންގެންދެވި ޤައްސާން، ސިޔާމްގެ ދިފާއުގައި ނިކުންނެވިއިރު، އެ ސަރުކާރުގެ ތެރޭގައި ސިފައިން ބޭނުންކޮށްގެން ދައުލަތުގެ ނިޒާމް ހަރާބުކޮށްލިއިރު ޗީފް އޮފް ޑިފެންސް ފޯސްއަކަށް ހުންނެވީ ޝިޔާމް އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް، ރައްޔިތުންގެ މަޖިލީސް ގަނޑުބަނޑުކޮށްލިއިރުވެސް މަޤާމުގައި ހުންނެވީ ޝިޔާމެވެ. އަދި އެމްއެންޑީއެފްގެ ބަޑިގުދަނުން ހަތިޔާރުތައް ގެއްލުނުއިރުގަޔާއި، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިއިރުގައިވެސް މަޤާމުގައި ހުންނެވީ ޝިޔާމް އެވެ. 
ޝިޔާމްގެ މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި އޭސީސީއަށް ފާހަގަކުރެވިފައިވާ ގޮތުން، އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް ޝިޔާމްގެ ބައްޕަ ދިރިއުޅެފައިވެއެވެ. އޭސީސީއިން ފާހަގަކޮށްފައިވާ ގޮތުގައި، އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައިވެސް އާންމުންނަށް ދިރިނޫޅެވޭނެއެވެ.
މީގެއިތުރުން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިރިއުޅެފައިވެއެވެ.
"ސިފައިންގެ ޤާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެކަން އެނގެއެވެ." އޭސީސީއިން ނެރުނު ބަޔާނުގައިވެއެވެ.
މި މައްސަލަ ކުރިންވެސް އޭސީސީއިން ތަހުގީގުކޮށްފައިވާއިރު، އޭރު ނިންމާފައިވަނީ މި މައްސަލައިގައި ނާޖައިޒު ފައިދާއެއް ހޯދައިދީފައިނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ