ވެމްކޯއަށް ފައިސާ ނުދޭ މައްސަލަ ހައްލުކުރުމަށް ކުނީގެ ފީ ޔޫޓިލިޓީ ބިލުގައި ހިމަނަން މަޝްވަރާކުރަނީ

ވެމްކޯއިން ކުނި ނަގައި އެއްކުރުމަށް ނަގާ ފީ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން ޔޫޓިލިޓީ ޚިދުމަތް ދޭ ކުންފުންޏެއްގެ ބިލުގެ ތެރެއަށް ކުނި ނެގުމުގެ ފީ އިތުރުކުރުމާމެދު މަޝްވަރާކުރަމުންދާ ކަމުގައި އެންވިޔަރަމަންޓު މިނިސްޓްރީން ބުނެފިއެވެ.
ވަރަށް ގިނަ ފަރާތްތަކުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަ ފެންމަތިވެފައިވާ ކަމުގައި ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓު މިނިސްޓުރީގެ ޑިރެކްޓާ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވިއެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، އެ މައްސަލައަށް މި ވަގުތު ގެނެވޭނެ އެންމެ ރަނގަޅު ހައްލަކީ ކުނި ނެގުމުގެ ފީ ކޮންމެވެސް ޔޫޓިލިޓީ ބިލެއްގައި ހިމެނުން ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޤާނޫނަށް އިސްލާހެއް ގެންނަންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުނި ނެގުމާއި އުކައިލުމަކީ ޔޫޓިލިޓީ ޚިދުމަތެއްގެ ގޮތުގައި ޤާނޫނުގައި ބަޔާންނުކުރާތީ އެ ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޔޫޓިލިޓީ ޚިދުމަތްތަކުގެ އަގުން ޖީއެސްޓީ ނެގުން ޤާނޫނުގައި ނޯީވެއެވެ.
ވެމްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގައި ކުނި އުކަން ރަޖިސްޓަރީކޮށްފައިވާ ގެތަކުގެ ތެރެއިން %20 ގެއިންވެސް ފީ ދައްކަމުން ނުދެއެވެ. އަދި ފައިސާ ނުދައްކާ މައްސަލައަކީ ވެމްކޯ އުފެދުނީއްސުރެ ކުރިމަތިވަމުން އަންނަ މައްސަލައެއް ކަމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓާ އާދަމް މުޙައްމަދު ވިދާޅުވިއެވެ.
މި ވަގުތު މާލޭގެ 34،000 ގޭބީސީގެ ތެރެއިން 19،000 އެއްހައި ގޭބީސީންވަނީ ވެމްކޯއިން ކުނި އުކުމަށް ރަޖިސްޓަރީކޮށްފައި ކަމަށް އެމްޑީ ވިދާޅުވިއެވެ.
މުރުތަޟާ ވިދާޅުވީ ޒިންމާ ނެގުމަކީ ވެމްކޯއިން ކުނި ނަގަން އަންނަންވާއިރަށް ކުނި ނެރުން ނޫން ކަމަށެވެ. ވެމްކޯއަށްވެސް ފައިސާ ނުލިބޭނަމަ، ޚިދުމަތް ދިނުމަށް ދަތިވާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ