ސާމްޕަލް ނެގި މީހާގެ ކިބައިން މެމްބަރު އިކްރާމް މައާފަށް އެދިއްޖެ

މާފަންނު މަދަރުސާގައި ކޮވިޑް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާދީ، މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައިގައި ސާމްޕަލް ނެގި މީހާގެ ކިބައިން އިކްރާމް މައާފަށް އެދިއްޖެ އެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން އިކްރާމް ވިދާޅުވީ މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތް ތެރެއަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށްލި ކަމަށެވެ.
ނަމަވެސް އޭނާ ހަމަލާދިން ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށަހެޅުމުން، އެ އިދާރާއިން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް އެދި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި އަންހެން މީހާ އާއި އޭނާގެ މަންމައާ ބައްދަލުކޮށް، މައާފަށް އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ޓީމުގެ ހުރިހާ މީހުންގެ ކިބައިން މައާފަށް އެދޭ ކަމަށް ވިދާޅުވި އެވެ.
ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުން އިންތިހާބު ކުރާ އަދި ރައްޔިތުން ތަމްސީލު ކުރާ އިއްޒަތްތެރި މަގާމެއްގައި ހުންނަވައި، ރައްޔިތުންނަށް އާންމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލާދީ އެކަން ދިފާއު ކުރަމުން ދިއުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމާމެދު އެ މުވައްޒަފު ތަމްސީލުކުރާ އެއްވެސް ވުޒާރާއަކުން މިއަމަލު ކުށްވެރިކޮށް، އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމާމެދު ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ